މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 23 ސެޕްޓެމްބަރ 2026


މި ސަރުކާރަށް ތިން އަހަރު ވާއިރު ބޯމަތީ ފިލާގަނޑެއް ވެސް ބޭއްވުނު ތަނެއް ނުފެނޭ: މޭޔަރ ޢާޒިމް

މި ސަރުކާރަށް ތިން އަހަރު ފުރެންދާއިރު ރައްޔިތުންގެ ބޯމަތީގައި ފިލާގަނޑެއް ބޭއްވުނު ތަނެއް ވެސް ފެންނަން ނެތް ކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މޭޔަރު ޢާޒިމް މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 18 ވަނަ ރަސްމީ ޢާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ޢާޒިމް ވިދާޅުވީ، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހާލަތު އޮތީ ވަރަށް ދެރަކޮށް ކަމަށާއި، މިދިޔަ ތިން އަހަރުގެ ތެރޭގައި އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައިވާ ތަން ފެންނަން ނެތް ކަމަށެވެ.

"އަދި އަޅުގަނޑުމެންނަށް މި ތިން އަހަރުގެ ތެރޭ ނުފެނޭ ބޯމަތީ ފިލާގަނޑެއް ބޭއްވުނު ތަނެއް އެބޭފުޅުންނަށް. މީ ހަމަ ޙަޤީޤަތް. ވަރަށް ދެރަވަރުކޮށް މިދަނީ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ. ވަރަށް ހާލުގައި ރައްޔިތުން ތިބީ،" މޭޔަރު ވިދާޅުވިއެވެ.

މީގެއިތުރުން މޭޔަރ ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، ޚާއްޞަކޮށް މާލޭގެ ރައްޔިތުން ތިބީ ބޯހިޔާވަހިކަން ނުލިބި ވަރަށް ބޮޑު ނިކަމެތިކަމެއްގައެވެ. އަދި މި މައްސަލައަކީ ތަކުރާރުކޮށް ދައްކަންޖެހޭ ވާހަކައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މި ބޮޑު ކަންބޮޑުވުމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ސަރުކާރަށް މޭޔަރު ވަނީ ގޮވާލައްވާފައެވެ.