ހުޅުމާލޭ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދިޔަ "ސްޓަރ އައުޓިންގ 2026: އެކްޝަން އޮން ކްލައިމެޓް ޗޭންޖަސް" ނިންމުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ބައިވެރިވެވަޑައިގެންފިއެވެ.
ހުޅުމާލޭ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާދަމް ޢާޒިމް ވަނީ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޖީލުތަކަށްޓަކައި ތިމާވެށި ހިމާޔަތްކުރުމުގައި ކޮންމެ ފަރުދަކުވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި އަމަލީ ގޮތުން މާނަހުރި މަސައްކަތްތަކެއް ކުރުމަށް ބާރުއެޅުމުގެ މަގުސަދުގައި ބޭއްވި މި ހަރަކާތުގައި، ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ އިސްވެރިންނާއި، މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އިސް ވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ މުދައްރިސުންނާއި ދަރިވަރުން ބައިވެރިވިއެވެ.
މިފަދަ ހަރަކާތްތަކަކީ ސްކޫލް ދަރިވަރުންގެ މެދުގައި ތިމާވެއްޓަށް ލޯބިޖެއްސުމަށާއި، ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޒުވާން ޖީލު އަހުލުވެރިކުރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
