މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް27 ސެޕްޓެމްބަރ 2026


މާލެ ސިޓީގައި ހުރި ސަގާފީ ތަންތަނާއި ތަރިކަ ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށް މޭޔަރ ޢާޒިމް ގޮވާލައްވައިފި

މާލެ ސިޓީގައި ހުރި ސަގާފީ ތަންތަނާއި ތާރީޚީ ތަރިކަތައް ބޭނުންކޮށްގެން ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.

މޭޔަރު ޢާޒިމް މިކަމަށް ގޮވާލެއްވީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، މީސްމީޑިއާ މަންސަތަކުގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.

މޭޔަރު ވިދާޅުވީ، މާލެ ސިޓީގެ މުއްސަނދި ސަގާފަތާއި، އާސާރީ ތަރިކައާއި، ޖަޒީރާވަންތަ ދިރިއުޅުމުގެ އިތުރުން، ދިވެހިންގެ ޚާއްޞަ މެހެމާންދާރީއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް މާލެއިން އަބަދުވެސް އަންނަނީ ހޫނު މަރުހަބާއެއް ކިޔަމުން ކަމަށެވެ.

މީގެއިތުރުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށާއި، އަދި ރާއްޖޭގެ އަގުހުރި އާސާރީ ތަރިކަތައް ރައްކާތެރިކުރުމުގައި ސާބިތުވެ ތިބުމަށް އަޒުމް އާކުރުމަށް މޭޔަރު ވަނީ އެންމެހައި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ހަމައެއާއެކު، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށާއި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ހިތްފަސޭހަ، އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ސިޓީއަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މޭޔަރު ޢާޒިމްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އެންމެން ގުޅިގެން މާލެއާއި މުޅި ދިވެހިރާއްޖޭގެ ހިތްގައިމުކަމާއި ރީތި ނަމޫނާ މުޅި ދުނިޔެއަށް ހާމަކޮށްދިނުމަށެވެ.