އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކޮށް، އެކުދިން ބާރުވެރިކުރުވައި، ކޮންމެ އަންހެން ކުއްޖަކަށްމެ އެކުއްޖެއްގެ ކިބައިގައިވާ ގާބިލިއްޔަތާއި ހުނަރުތައް އެންމެ ފުރިހަމައަށް ތަރައްގީކުރުމުގެ ފުރުސަތު ފަހިވެފައިވާ މުޖުތަމައެއް ބިނާކުރުމުގައި ދެމިތިބުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެދިވަޑައިގެންފިއެވެ.
މޭޔަރު ޢާޒިމް މިކަމަށް އެދިވަޑައިގަތީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވީ، ކޮންމެ އަންހެން ކުއްޖަކަށްމެ ރައްކާތެރި އަދި އަމާން ޅަފަތެއް ލިބެންޖެހޭ ކަމަށެވެ. އަދި ފެންވަރު ރަނގަޅު ތައުލީމާއި، އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިވެފައި އޮތުމުގެ މުހިންމުކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކޮންމެ އަންހެން ކުއްޖަކަށްވެސް އެ ކުއްޖެއްގެ އަމިއްލަ މުސްތަގުބަލު ބައްޓަންކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިދޭންޖެހޭނެ ކަމަށް ވިދާޅުވެ، މޭޔަރު ވަނީ މުޖުތަމައުގެ ހުރިހާ ފަރާތްތަކުންވެސް އެފަދަ މާހައުލެއް ގާއިމުކުރުމަށް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މައިގަނޑު މަގުސަދަކީ، އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކާ މެދު މުޖުތަމައު ހޭލުންތެރިކުރުވައި، އެކުދިންގެ ހައްގުތައް ކަށަވަރުކޮށް، ބާރުވެރި މުސްތަގުބަލެއް ހޯދައިދިނުމެވެ.
