ބޯކޮށް ވާރޭ ވެހޭ ދުވަސްދުވަހު މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި މީގެ ކުރިން މާލެ ސިޓީ ކައުންސިލުން ގެނައި "ގްލޯބަލް" ބްރޭންޑުގެ ޕަމްޕުތައް.. ފައިލް ފޮޓޯ

މާލެ ސިޓީ ކައުންސިލް 13 އޮކްޓޯބަރ 2026


އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ ކާރިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން ލިބިގެންވާ ސިޓީއެއް ބިނާކުރެވޭނެ: މޭޔަރ ޢާޒިމް

އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި، އަދި ކާރިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން ލިބިގެންވާ ސިޓީއެއް ބިނާކުރެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރ ޢާޒިމްގެ ޕޯސްޓުގައި ވިދާޅުވީ، ރައްކާތެރި ބޯހިޔާވަހިކަމާއި، ކަންކަމަށް އަވަހަށް އިސްތިޖާބަދޭން ތައްޔާރުވެފައިވާ މުޖުތަމައުތަކެއް ބިނާކޮށް، ކާރިސާތަކަށް ކެތްތެރި މާލެއެއް ބިނާކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް އެންމެހައި ފަރާތްތަކުން އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން، ކާރިސާތަކުގެ ނުރައްކާ ކުޑަކުރެވޭނީ ރައްޔިތުންގެ ހޭލުންތެރިކަމާއި، ފުރިހަމަ ތައްޔާރީތަކުގެ އިތުރުން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ކަމަށްވެސް މޭޔަރ ފާހަގަކުރެއްވިއެވެ.

"ސިޓީއެއްގެ ގޮތުން ކާރިސާތަކަށް ކެތްކުރެވޭނެ ފަދަ ވަރުގަދަ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށާއި، ފެން ހިންދާ ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވެ ފުރާނަ ރައްކާތެރިކުރުމަށް ރައްޔިތުން ބާރުވެރިކުރުވުމުގައި އަޅުގަނޑުމެން ދެމިތިބެންޖެހޭ،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މާލެއަށް ކުރިމަތިވާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި އެހެނިހެން ހާދިސާތައް މަދުކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކާއި ރައްޔިތުން ގުޅިގެން ދުރާލާ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން މާލެ ސިޓީ ކައުންސިލުން އަބަދުވެސް ފާހަގަކުރެއެވެ.