މެލޭޝިޔާގެ ސަބާހްގެ ކޮޓާ ކިނަބާލޫގައި ކުރިއަށްދާ "ކޮޓާ ކިނަބާލޫ އިންޓަރނޭޝަނަލް މޭޔާސް ޑައިލޮގް 2026" (ކޭކޭއައިއެމްޑީ 2026) ގައި މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރަކު ބައިވެރިވެވަޑައިގެންފިއެވެ.
މި އޮކްޓޫބަރު މަހުގެ 10 އިން 14 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ކައުންސިލަރުންގެ ތެރޭގައި ކައުންސިލަރު ފާތިމަތު ޒަޔާ، ކައުންސިލަރު އައިޝަތު ހަނާ އަދި ކައުންސިލަރު ހައްވާ ސިފާނާ ހިމެނިވަޑައިގަންނަވައެވެ.
މި ބައްދަލުވުމަކީ އައްސޭރިފަށުގެ ސަރަހައްދުތަކުގެ ރައްކާތެރިކަމާއި، ނޫ އިގްތިސާދާއި، ޑިޖިޓަލް ގަވަރނަންސްގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ތަރައްގީކުރުމާ ގުޅޭގޮތުން އެކި ގައުމުތަކުގެ ސިޓީތަކުގެ ވެރިންގެ މެދުގައި ތަޖުރިބާ އާއި ހިޔާލު ބަދަލުކުރުމުގެ މަގުސޫދުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
މި ޑައިލޮގްގެ ތެރެއިން އައްސޭރިފަށުގެ ސިޓީތަކަށް ދިމާވާ ގޮންޖެހުންތަކާއި، ސިޓީތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކަށް ކެތްކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައެވެ.
މީގެއިތުރުން، މި މައްސަލަތަކަށް އަމަލީ ހައްލުތައް ހޯދުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް، "ކޮޓާ ކިނަބާލޫ ޖޮއިންޓް ސްޓޭޓްމަންޓް" އާ ގުޅޭގޮތުންވެސް ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ލަފާއަރުވާފައިވެއެވެ.
މާލެ ސިޓީގެ ކައުންސިލަރުން މެލޭޝިޔާއަށް ކުރެާ މިދަތުރުގެ ތެރެއިން މުރަކަ އާލާކޮށް ރައްކާތެރިކުރާ މަރުކަޒަކަށް ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު 'ފަޔަރސައިޑް ޑިސްކަޝަން' ގައި، ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކަށް ކެތްތެރިވުމުގެ މުހިންމުކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ ވަފުދުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
