ކުލަބް މާލެ ސިޓީން އިންތިޒާމްކޮށްގެން ބާއްވާ މާލެ ސިޓީ ކައުންސިލްގެ އިންޓަރ ޑިޕާޓްމަންޓް"6 އޮން 6" ފުޓްބޯލް ޗެލެންޖް ރޭ ރަސްމީކޮށް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ގޯތި ތެރޭގައި އޮންނަ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހޭންޑްސަމް ބޯއީސް އަދި ޕަބްލިކް ސަރވިސްއެވެ. މި މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޕަބްލިކް ސަރވިސް ޓީމެވެ. އަދި ރޭ ކުޅުނު ދެވަނަ މެޗުގައި ހޭވައްލާ ޔުނައިޓެޑާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވީ އެސެޓް ޓީމެވެ.
ފިރިހެން ޑިވިޝަންގައި މިފަހަރު ޖުމްލަ 10 ޓީމު ވާދަކުރާ މި ފުޓްބޯޅަ ޗެލެންުގެ މެޗުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ.
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މުވައްޒަފުންގެ މެދުގައި މިފަދަ މުބާރާތްތައް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އެކުވެރިކަމާއި ލޯތްބާއެކު އެއްތަނަކުން ހުރިހާ މުވައްޒަފުން ބައްދަލުވެ، އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި ވަޒީފާގެ މާހައުލުގައި ބިޒީކޮށް އުޅޭއިރު، މިފަދަ ކުޅިވަރު ހަރަކާތްތަކުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
މާލެ ސިޓީގެ މޭޔަރުކަމާ މިހާރުގެ މޭޔަރު އާދަމް ޢާޒިމް ހަވާލުވެވަޑައިގެންނެވި ފަހުން، މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ލޯތްބާއި ހިނިތުންވުމާއެކު، އަވަހަށް ފޯރުކޮށްދިނުމަށްޓަކައި މުވައްޒަފުން އަހުލުވެރިކުރުވުމަށް މިފަދަ ތަފާތު ގިނަ ހަރަކާތްތަކެއް އަންނަނީ ރާވައި ހިންގަމުންނެވެ.
ފިރިހެނުންގެ ފުޓްބޯލް ޗެލެންޖް އިތުރުން، މިރޭ ފެށުމަށް ހަމަޖެހިފައިވާ އަންހެން ހޭންޑްބޯލް ޗެލެންޖުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހޭވައްލާ އަދި ކަމަނަ ޓީމެވެ. މިފަހަރުގެ ހޭންޑްބޯލް ޗެލެންޖްގައި ވާދަކުރަނީ ޖުމްލަ ތިން ޓީމެވެ.
