މާލެ ސިޓީގެ "އާންމު އުނދަގުލާ ބެހޭ ޤަވާއިދު" ކޮމިޓީ މަރުހަލާގައި ދިރާސާކޮށް، ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމަށްފަހު މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މި ޤަވާއިދު ފާސްކޮށްފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 21 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ވަނީ މި ޤަވާއިދު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.
މި ނިންމުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިއީ ކައުންސިލުން ކުރިއަށް ގެންދާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ މަސައްކަތެއް ކަމަށެވެ. އަދި ޤާނޫނީ ޓީމުން ބެއްލެވުމަށްފަހު ކޮމިޓީން މިއަދު މި ޤަވާއިދު ފާސްކުރިއިރު، މިއީ ކައުންސިލްގައި ކޮންމެހެން އޮންނަންޖެހޭ މުހިންމު އެއްޗެއް ކަމަށާއި މިފަދަ ޤަވާއިދެއް ނެތި އެތައް ޒަމާނެއް ވޭތުވެ ގޮސްފައިވާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
"މި މަސައްކަތްތަކުން ފެނިގެން މިދަނީ އަލަށް މި ހޮވުނު ކައުންސިލަރުންނަކީ ވަރަށް ޒިންމާދާރުކަމާއެކު މަސައްކަތް ކުރައްވާ އަދި ރައްޔިތުންނަށް ފަސޭހަވާނެ ކަންތައްތައް ކުރުމަށްޓަކައި އާދަޔާ ޚިލާފު މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންގެ ގޮތުގައި. ރައްޔިތުންގެ ކަންކަން ހައްލުކޮށްދެއްވުމަށްޓަކައި ހުރިހާ ކައުންސިލަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ރެގިއުލޭޓަރީ ސާވިސަސް އެންޑް އެންފޯސްމަންޓް ކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ސަހުލާ ވިދާޅުވީ، ކޮމިޓީއާ އެންމެ ފުރަތަމަ ހަވާލުކުރެވުނު މަސައްކަތަކީ ވެސް އާންމު އުނދަގުލާ ބެހޭ ޤަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކަމަށެވެ.
މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުމާ ގުޅިގެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކައުންސިލަރުންނަށާއި، ކައުންސިލްގެ ލީގަލް ޓީމަށް އަދި ކައުންސިލްގެ ވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ސަހުލާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ގެނެވުނު އިސްލާހުތަކަކީ އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަންކަން ކަމުގައި އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޤަވާއިދު ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރުމަށްފަހު، ގެޒެޓުގައި ޝާއިއުކުރާތާ އެއް މަސް ދުވަހަށް ފަހު މިޤަވާއިދަށް އަމަލުކުރަން ފަށާނެއެވެ.
މީގެއިތުރުން، މި ޤަވާއިދަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ތައްޔާރުކުރާ ޕޯސްޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި ކައުންސިލްގެ ސޯޝަލް މީޑިއާ އާއި އެކި ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.
