ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ "ލޯކަލް ގަވަމަންޓްސް ފޯ ސަސްޓެއިނަބިލިޓީ" (އައި.ސީ.އެލް.އީ.އައި) ނެޓްވޯކުގައި ބައިވެރިވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނެޓްވޯކަކީ ދުނިޔޭގެ 100 އަށް ވުރެ ގިނަ ޤައުމުގެ 2،500 އަށް ވުރެ ގިނަ ސިޓީ ތަމްސީލުކުރާ ބޮޑު ނެޓްވޯކެކެވެ.
މި ނެޓްވޯކުގައި ބައިވެރިވުމަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 21 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިއީ އެ ނެޓްވޯކުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ލިބުނު ވަރަށް އަގުހުރި ދަޢުވަތެއް ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ނެޓްވޯކެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، މި ނެޓްވޯކުގެ މެންބަރަކަށް ވުމުން މާލޭގެ ތަރައްޤީއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. މި ނެޓްވޯކުގައި ބައިވެރިވުމަށް އަހަރީ ފީއެއްގެ ގޮތުގައި ދައްކަންޖެހެނީ 550 ޔޫއެސް ޑޮލަރެވެ.
1990 ވަނަ އަހަރު އުފެދުނު އައި.ސީ.އެލް.އީ.އައި (ICLEI) އަކީ ރަށު ފެންވަރާއި ސަރަޙައްދީ ފެންވަރުގެ އިދާރާތައް ބައިނަލްއަޤްވާމީ ނިޒާމުތަކާ ގުޅުވައިދީ، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި ޤާބިލުކަން އިތުރުކުރުމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ސިޔާސީ ގޮތުން ވަކާލާތުކޮށްދޭ ޖަމްޢިއްޔާއެކެވެ.
މި ޖަމްޢިއްޔާއިން މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައިވަނީ ގުޅިފައިވާ ފަސް ދާއިރާއަކަށް ބިނާކޮށް، ސިޓީތަކާއި އާބާދީތަކަށް ނިޒާމީ ގޮތެއްގައި ދެމެހެއްޓެނިވި ތަރައްޤީ އާއި ކުރިއެރުން ހޯދައިދިނުމަށެވެ.
މާލެ ސިޓީ ކައުންސިލުން އައި.ސީ.އެލް.އީ.އައި އާއެކު ރަސްމީކޮށް ގުޅުމަށް ނިންމިއިރު، މާލެ ސިޓީ ކައުންސިލްގެ ލޯކަލް ވޮލަންޓަރީ ރިވިއު (ވީ.އެލް.އާރު) އެކުލަވާލުމުގެ މަސައްކަތުގައި ވެސް މީގެ ކުރިން އެ ޖަމްޢިއްޔާއިން ވަނީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައެވެ.
