މާލެ އަދި ވިލިމާލޭގެ ސިނަމާލެ ހިޔާ ފްލެޓްތަކުގައި ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށް މާލެ ސިޓީ ކައުންސިލްގެ އާބަން ޕްލޭނިންގ ކޮމެޓީއަށް ފޮނުވަން ނިންމައިފިއެވެ.
މި މައްސަލަ އާބަން ޕްލޭނިންގ ކޮމެޓީއަށް ފޮނުވުމަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 21 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މި ނިންމުން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގައި ހުންނަ ސިނަމާލެ ފްލެޓްތަކުގެ ތިރީގައި މީގެ ކުރިން ދީފައިވާ ހުއްދައެއްގެ ދަށުން މިހާރުވެސް ބައެއް ފަރާތްތަކުން ވިޔަފާރި ކުރަމުންދާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ހުއްދަ ނެތިވެސް ވިޔަފާރި ކުރަމުންދާތީ އެކަމުގައި ދަތިތަކެއް ހުރިކަން މޭޔަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި ޓޭކްއަވޭ ފަދަ ކުދި ވިޔަފާރިތައް ހިންގުމަށް ހުއްދައަށް އެދި ހުށަހަޅަމުންދާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
"މިކަމުގައި އިތުރަށް ދިރާސާކޮށްލުމަށް އާބަން ޕްލޭނިންގ ކޮމެޓީއަށް ފޮނުވުން މުހިންމު ކަމަށް އަޅުގަނޑަށް ފެންނަނީ. އަދި ދިރާސާ ކުރުމަށްފަހު އަންނަ ހަފްތާގެ ޖަލްސާއަށް މިކަން އެޖެންޑާ ކުރުމަކީ އަޅުގަނޑުގެ ޚިޔާލެއް،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މި މައުޟޫއަށް ވާހަކަދައްކަވަމުން ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަޙުމަދު ސަނީޙް ސަނީހް ޙަނީފް ވިދާޅުވީ، މި މައްސަލަ އާބަން ޕްލޭނިންގ ކޮމެޓީން ދިރާސާކުރާއިރު، ހަރުދަނާ އަދި ރަނގަޅު ކޮމާޝަލް ގައިޑްލައިނެއް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް (ޑިއު ޕޭމަންޓެއް) އޮތް ފަރާތެއް ވާނަމަ، އެ ފައިސާ ކައުންސިލަށް ދައްކައި ޚަލާސްކުރުމަށް އޭނާ ވިދާޅުވިއެވެ.
ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހް ވިދާޅުވީ، ވިލިމާލޭގައި ހުންނަ ސިނާމާލެ ފްލެޓްތަކުގައި ވިޔަފާރިކުރާނެ ފިހާރައެއް ނެތި 25 އަހަރު ވެފައިވާ ކަމަށާއި، އޭގެ ސަބަބުން އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެހެންކަމުން، މާލޭގެ ސިނަމާލެ ފްލެޓްތަކެކޭ އެއްފަދައިން ވިލިމާލޭގެ ފްލެޓްތަކުގައިވެސް ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަކީ އެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ސަމާހް ވިދާޅުވިއެވެ.
