ދެފުށްފެންނަ އަދި މާނަހުރި ގޮތެއްގައި މަޝްވަރާކުރުމެއް ނެތި، މާލެ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިން ބޭނުންކުރުމުގެ ނިންމުންތައް ނިންމަމުން ގެންދާތީ، އެކަމުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވީއެންމެ އަވަހަކަށް ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މީގެއިތުރުން، މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ކައުންސިލުން ބަޔާނެއް ނެރުމަށް ވެސް ކައުންސިލް ތަޅުމުން ވަނީ ފާސްކޮށްފައެވެ.
މި ނިންމުންތައް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 22 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ފާސްކޮށްފައިވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ވީހާވެސް އަވަހަކަށް ރައްޔިތުންގެ ބައްދަލުވުން ބާއްވައި، ކައުންސިލްގެ ރަސްމީ ސްޓޭޓްމަންޓް އާންމުކުރައްވާނެ ކަމަށެވެ. އަދި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަންކަން ކުރަމުންދާނަމަ ކައުންސިލުން އެއްބާރުލުން ނުދޭނެ ކަމަށާއި، ކައުންސިލް އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންނާ އެކުގައި ކަމަށް މޭޔަރ ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުމެއް ނޫން ދިވެހިރާއްޖޭގެ ބިންތައް ބޭރު މީހުންނަށް ވިއްކާ، އެ ބިންތަކުގައި އެކި ދީންތަކުގެ މީހުން އައިސް ނާޗަރަންގީ ކުޅޭކަށް. ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުމެއް ނޫން ނުއަގުގައި ރާއްޖޭގެ އެއްވެސް ތަނެއް ކުއްޔަށް ދޭކަށް،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން، އަޅުގަނޑުމެން ދުނިޔެ ދޫކޮށް ދިޔުމަށްފަހު ފަލަސްތީނަށް ވެގެންދިޔަ ފަދަ ހިތާމަވެރި ހާލަތެއް މި ޤައުމަށް މެދުވެރިވާން ދިވެހި ރައްޔިތުން ބޭނުންނުވާނެ ކަމަށް ފާހަގަކުރައްވަމުން، މޭޔަރު ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިލްޟްވާން ޢަލީ ވިދާޅުވީ، ދިވެހިރާއްޖެއިން އެއްވެސް ބިންކޮޅެއް ވިއްކުމަށް އެއްބާރުލުން ނުދޭނެ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރީގައި ޓީވީތަކަށް އަރައި ދިވެހި ބިން ވިއްކާލަނީއޭ ކިޔައިގެން ރުއި މީހުންގެ އަޑެއް މިހާރު ނީވޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.
މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، މިކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ މި ބައްދަލުވުން ވަރަށް އަވަހަށް ބޭއްވުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ.
