މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 22 އޮކްޓޯބަރ 2026


މޭޔަރ ޢާޒިމްގެ ސުވާލެއް: މާލިއްޔަތު ކޮމިޓީއަށް !

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭސްކޮޅު ވެސް ފޯރުކޮށްނުދެވިފައިވާ މިދަނޑިވަޅުގައި، ދައުލަތުން އިސްކަންދޭންވީ ކަންކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ނޭނގުމަކީ ބޮޑު ހިތާމައެއް ކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ސުވާލު އުފައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަމާ ގުޅިގެން މޭޔަރ ޢާޒިމް މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޤައުމުގެ އިޤްތިޞާދީ ޙާލަތު ދަށަށް ގޮސް ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އިސްކަންދޭންޖެހޭ މުހިންމު ކަންކަން ކަނޑައެޅުމުގައި ކަމާބެހޭ ފަރާތްތައް ފަހަތަށް ޖެހިފައިވާ ކަމަށެވެ. ޚާއްޞަކޮށް، ރައްޔިތުންގެ މާލިއްޔަތާ ގުޅޭ އެންމެ މުހިންމު މަސައްކަތްތައް ކުރަންޖެހޭ މާލިއްޔަތު ކޮމިޓީގެ އިސްކަންދޭ ތަރުތީބު ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މޭޔަރު ޢާޒިމް އިތުރަށް ވިދާޅުވީ، މި ވަގުތަކީ އާސަންދައާއި އެންސްޕާގެ ޚިދުމަތް އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ވަގުތު ކަމަށެވެ. އަދި ބޭސް ނުލިބިގެން ކަންބޮޑުވެ، ހާސްކަމުގެ ތެރޭގައި ދަތްދޮޅީގައި އަތްވިދިފައި ތިބި ނިކަމެތި ރައްޔިތުންނަށް އަވަސް ޙައްލެއް ހޯދައިދީ ތަސައްލީއެއް ދޭންޖެހޭ ދަނޑިވަޅެއް ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

ނަމަވެސް، މިއަދު ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ފެންނަނީ ރައްޔިތުންގެ ހަޤީޤީ އިޙްސާސްތަކާއި ތަކުލީފުތަކަށް ބެލުމެއްނެތި، އެހެން މައިދާނެއްގައި އެހެން ކަންތައްތަކަކާ މަސްއޫލުވެގެން އުޅޭ މަންޒަރު ކަމަށް ވިދާޅުވެ މޭޔަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޤައުމުގެ ޙާލަތު މިފަދައިން އޮތްއިރު، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ޒިންމާދާރު ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.