މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް22 އޮކްޓޯބަރ 2026


މާލޭގައި ރޭ ފެންބޮޑުވީ ބެކްއަޕް ޕްލޭނެއް ނެތި ޕަމްޕްތައް ނެގުމުން ކަމަށް މޭޔަރ ޢާޒިމް ވިދާޅުވެއްޖެ

ބުދަ ދުވަހުގެރޭ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވީ، އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ފެން ހިންދާ ޕަމްޕްތައް އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ކުއްލިއަކަށް އެ ސަރަހައްދުތަކުން ނެގުމުން ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު ޢާޒިމް މިހެން ވިދާޅުވީ، ބުދަ ދުވަހުގެރޭ މާލެއަށް ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، އާންމު ރައްޔިތުންނަށް ދިމާވި ދަތިތަކާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ކުރެވުނު ބުރަ މަސައްކަތުން، މާލޭގައި ފެންބޮޑުވާ މައްސަލައަށް ވަރަށް އެދެވޭ އަދި ރަނގަޅު ހައްލެއް ހޯދިފައި ވަނިކޮށް، އަނެއްކާވެސް މިއަދު ރައްޔިތުން މިފަދަ ހާލެއްގައި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލަ މިހާ ބޮޑުވެގެން ދިޔައީ މަގު ހެދުމުގެ މަސައްކަތަށް ކަމަށް ބުނެ، އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ފެން ހިންދާ ޕަމްޕްތައް އެއްވެސް ބަދަލު އިންތިޒާމެއް (ބެކްއަޕް ޕްލޭނެއް) ނެތި ކުއްލިއަކަށް ނެގުމުގެ ސަބަބުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މާލޭގެ ސްޓޯރމް ވޯޓާ ސިސްޓަމް ބެލެހެއްޓުން އެކި މުއައްސަސާތަކުގެ މެދުގައި ބެހިފައި އޮތުމަކީ، މުޅި ނިޒާމު އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމުގައި މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

އެހެންކަމުން، ނަގާފައިވާ ޕަމްޕްތަކަށް އަވަސް ބަދަލު ހައްލެއް ހޯދައި، އަދި ފެން ހިންދާ ނިޒާމު އެއް ފުރާޅެއްގެ ދަށުން ހަރުދަނާކަމާއެކު ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަށް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ. އަދި ރައްޔިތުންނަށް މިހާރު ލިބޭ ތަކުލީފުތަކަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، ކަމާބެހޭ ހުރިހާ މުއައްސަސާތަކަކުން މިހާރުން މިހާރަށް ގުޅިގެން މަސައްކަތް ކުރުމަށްވެސް މޭޔަރު ވަނީ ގޮވާލައްވާފައެވެ.