މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 02 ނޮވެމްބަރ 2026


މޭޔަރ އާޒިމް ހައިކޯ ސިޓީގެ ވައިސް މޭޔަރާ ބައްދަލުކުރައްވައިފި

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ޗައިނާގެ ހައިނާން ޕްރޮވިންސްގެ ހައިކޯ ސިޓީގެ ވައިސް މޭޔަރު ޑރ. ޓޮންގް ގުއިޗާންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ހައިކޯ ސިޓީގައި ކުރިއަށްދިޔަ 2026 ވަނަ އަހަރުގެ ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަމެންޓްސް އޭޝިއާ ޕެސިފިކް (ޔޫސީއެލްޖީ އޭއެސްޕީއޭސީ) ކައުންސިލް ބައްދަލުވުމުގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ އާއި ހައިކޯ ސިޓީއާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އެގޮތުން ފަތުރުވެރިކަން ކުރިއެރުވުމާއި، ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާއި، ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މީގެ އިތުރުން، ދެ ސިޓީގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ފަތުރުވެރިކަމާއި އިޤްތިޞާދީ އަދި ސަގާފީ ގޮތުން އެއްބާރުލުން އިތުރުކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން މާލެ އާއި ހައިކޯއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. މިއީ ދެ ސިޓީއަށް ވެސް ފައިދާހުރި ގޮތެއްގައި ގާތް ގުޅުމެއް ދެމެހެއްޓުމަށް ދެ ފަރާތުން ދޭ އަހަންމިއްޔަތުކަން ހާމަވެގެންދިޔަ މަޝްވަރާތަކެކެވެ.

މި ބައްދަލުވުމުގައި މޭޔަރ އާޒިމްގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބާއި، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ސަހުލާ އަދި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު އިރާޝާ ބައިވެރިވެވަޑައިގެންނެވިއެވެ.