މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއި މާލެ ސިޓީ ކައުންސިލާ ދެމެދު ވެވިފައިވާ ފަހުމުނާމާގެ ދަށުން، ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފުރަތަމަ އެހީގެ އަސާސީ ތަމްރީނު ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ޔަގީންކަމާއި ހަލުވިކަމާއެކު އިޖާބަދިނުމަށް ބޭނުންވާ ފުރަތަމަ އެހީގެ މުހިންމު މައުލޫމާތާއި އަމަލީ ހުނަރުތައް ކައުންސިލްގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމެވެ. އަދި މިއީ ކައުންސިލް އިދާރާގެ ތެރޭގައި ރައްކާތެރި އަދި ކުއްލި ކަންކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު އަދި ބޭނުންތެރި ފިޔަވަޅެކެވެ.
މި ތަމްރީނާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މޯލްޑިވްސް ރެޑް ކްރެސެންޓުން އަބަދުވެސް ސިޓީ ކައުންސިލާއެކު ވަރަށް ބަދަހި ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި، އެ ޖަމިއްޔާއިން ކައުންސިލަށް ކޮށްދެއްވާ އެކިއެކި ކަންކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެއިތުރުން މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިމާވެދާނެ އެކިއެކި ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ މިފަދަ މައުލޫމާތާއި ހުނަރު ދަސްކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއްކަންވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
މި ސެޝަންގައި އެމްއާރްސީގެ ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅުން ވަނީ އަނިޔާއެއް ލިބޭ ހާލަތްތަކުގައާއި ސިއްހީ ކުއްލި ކަންކަމުގައި އަމަލުކުރަންޖެހޭ އަސާސީ މިންގަނޑުތައް އަމަލީ ގޮތުންނާއި ތިއަރީ ގޮތުން މުވައްޒަފުންނަށް ދަސްކޮށްދީފައެވެ.
.webp)