މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 02 ނޮވެމްބަރ 2026


"ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" މިނަމުގައި ބާއްވާ ރައްޔިތުންގެ ބައްދަލުވުން ބުރާސްފަތި ދުވަހުގެ ރޭ

ދެފުށްފެންނަ އަދި މާނަހުރި ގޮތެއްގައި މަޝްވަރާކުރުމެއް ނެތި މާލެ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިން ބޭނުންކުރުމާ ގުޅޭ ނިންމުންތައް ނިންމަމުންދާތީ، އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" މި ނަމުގައި ރައްޔިތުންގެ ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި، ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ހޯލްގައެވެ.

މި ބައްދަލުވުމުގައި ވީހާވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވުމަށް އެދި، މާލެ ސިޓީގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

މި ބައްދަލުވުން ބޭއްވުމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 22 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ސަރުކާރުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކަންކަން ކުރަމުންދާނަމަ ސިޓީ ކައުންސިލުން އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށެވެ. އަދި ކައުންސިލް އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންނާ އެކުގައި ކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެއިތުރުން، ބިމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ބިންތައް ބޭރު މީހުންނަށް ވިއްކައި، އެ ބިންތަކުގައި އެކި ދީންތަކުގެ މީހުން އައިސް ނާޗަރަންގީ ކުޅޭކަށް ދިވެހި ރައްޔިތުން ބޭނުންނުވާ ކަމަށެވެ. ހަމައެއާއެކު، ރާއްޖޭގެ އެއްވެސް ތަނެއް ނުއަގުގައި ކުއްޔަށް ދޭންވެސް ދިވެހި ރައްޔިތުން އެއްބަސްނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ އަޑު އުފުލުމަށް ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ބައްދަލުވުމުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް މޭޔަރ ވަނީ އިލްތިމާސްކުރައްވާފައެވެ.