މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ "ރަންނަމާރި" އިވެންޓް ކުރިއަށްދާ މުއްދަތުގައި، އެ އިވެންޓް އޮންނަ ސަރަޙައްދު ސާފުކުރުމާއި ކުނި އުކާލުމުގެ އިތުރުން އެ ސަރަޙައްދު ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 24 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މި ނިންމުން ފާސްކޮށްފައިވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 13 ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުނު މި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަރުވައި އާލާކުރުމަށް މާލެ ސިޓީ ކައުންސިލުން ދަނީ އެކި ޖަމުޢިއްޔާ ޖަމާޢަތްތަކަށް ހިތްވަރުދެމުންނެވެ.
އެގޮތުން، ރާޅާއެޅުމުގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ "ރަންނަމާރި" އިވެންޓް މި އަހަރުގެ ނޮވެންބަރު މަހުގެ 3 އިން 7 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ މުއްދަތުގައި އިވެންޓް ކުރިއަށްދާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަށް އެހީތެރިވެދިނުމަށް މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޙުސައިން ފުރުޝާން ވިދާޅުވީ، މިއީ ކައުންސިލުން ކޮށްދިނުން ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އެފަދަ ޖަމުޢިއްޔާތަކަށް ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް ދިނުމަކީ ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލުން އަބަދުވެސް އަންނަނީ ޒުވާނުންގެ ކުރިއެރުމަށާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރާވާ މިފަދަ ކުޅިވަރު ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
