ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ލޯކަލް ބޮޑީ ބިލްޑިންގ، ލިފްޓިންގ އަދި ޕަވަރ ޕެރަ ވެއިޓް ލިފްޓިންގ މުބާރާތަށް ބޭނުންވާ މުހިންމު އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި އެހީތެރިކަން ދިނުމަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 24 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މި މައްސަލަ ފާސްވެގެން ދިޔައީ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 13 ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
ކައުންސިލަށް ހުށަހެޅުނު މައްސަލާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުގެ 18 އިން 28 އަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މުބާރާތުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށްޓަކައި، މާލެ ސިޓީ ހޯލްގެ ހުސްޖާގަ ހަމަޖައްސައިދިނުމަށާއި، އެ މުއްދަތުގައި ހިނގާނެ ކަރަންޓްގެ ޚަރަދު ހަމަޖައްސައިދިނުމަށް އެދި ބޮޑީ ބިލްޑިންގ އެސޯސިއޭޝަނުން ވަނީ ސިޓީ ކައުންސިލްގައި އެދިފައެވެ.
މި މައްސަލައާ ގުޅިގެން މިއަދު ކައުންސިލްގެ ޖަލްސާގައި މެންބަރުން އިތުރު ބަހުސްއަކާ ނުލާ ނިންމާފައި ވަނީ، ކުޅިވަރުގެ މިފަދަ ހަރަކާތްތަކަށް ހިތްވަރުދީ އެއްބާރުލުން ދިނުމުގެ ގޮތުން، އެސޯސިއޭޝަނުން އެދުނު ފަދައިން ހޯލުގެ ޖާގައާއި ކަރަންޓު ޚަރަދު ހަމަޖައްސައިދީގެން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
