ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ޕްލޭންތައް އެކުލަވައިލުމާއި، ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތްތައް ހަމަޖައްސައި، އެންމެހައި ރައްޔިތުންނަށް ރައްކާތެރި އަދި އެންމެން ބައިވެރިކުރާ ފަދަ ސިޓީއެއް ބިނާކުރުމުގެ މަސައްކަތް އިތުރަށް ވިލަރެސް ކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ ސޯޝަލް ސާވިސަސް ކޮމެޓީއަށް ފޮނުވުމަށް ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 24 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މި މައްސަލަ ކޮމެޓީއަށް ފޮނުވުމަށް ފާސްވެގެން ދިޔައީ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 13 ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
ކައުންސިލަށް ހުށަހެޅުނު މި މައްސަލައިގައި ބަޔާންކޮށްފައިވަނީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިރިއުޅުމުގައި ފުރިހަމައަށް އަދި ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު އޮތްކަން ކަށަވަރުކުރުމަކީ މާލެ ސިޓީ ކައުންސިލްގެ މައްޗަށް އޮތް މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން، އެފަދަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ޕްލޭންތައް އެކުލަވައިލުމާއި، ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެންމެން ޝާމިލުވާ ސިޓީއެއް ބިނާކުރުމަށްޓަކައި އެފަދަ ފަރާތްތައް ދެނެގަތުމަށް ދާއިރާތަކަށް ގޮސް މަޢުލޫމާތު އެއްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން މުހިންމު ކަމަށް މި ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 10 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަކީ ކައުންސިލްގެ މައްޗަށް އޮތް ވަރަށް ބޮޑު ޒިންމާއެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެއިތުރުން، އެ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށްޓަކައި ޖެންޑާ މިނިސްޓްރީގައި ވަރަށް ގިނަ ފަހަރު އެދިފައިވާނެ ކަމަށާއި، ނަމަވެސް އެ މިނިސްޓްރީން އެއްވެސް އެއްބާރުލުމެއް ނުލިބި، އެ ޑޭޓާ ލިބޭގޮތް ނުވި ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި މުޖުތަމަޢެއްގައި ހުރިހާ އެންމެންނަށް ވެސް ފަސޭހަކަމާއެކު އުޅެވޭނީ އެ މުޖުތަމަޢެއްގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ޤާއިމުކޮށްދެވިގެން. އެ ދުވަހެއް ނުގެނެވޭހައި ހިނދަކު ހުރިހާ އެންމެންވެސް އުޅެންޖެހޭނީ ދަތި އުނދަގުލުގައި،" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، ކައުންސިލަރުން އެބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކަށް ވަޑައިގެން މި މަޢުލޫމާތުތައް އެއްކުރެއްވުމަކީ ފެނިވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ކައުންސިލަކަށް ވާތީ، މިއީ މި ކައުންސިލަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ކައުންސިލަރުންވެސް ވަނީ މިއީ ވަރަށް ރަނގަޅު އަދި މުހިންމު އިސްނެގުމެއް ކަމަށް ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި މުޅި މުޖުތަމަޢަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
