މާލެ ސިޓީ ކައުންސިލުގެ ޤާނޫނީ ބާރުތަކަށް އަސަރުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ހިމެނޭ ބައެއް މާއްދާތަކުގެ ދުސްތޫރީ ސައްޚަކަމާމެދު ސުވާލު އުފައްދައި، އެ މައްސަލައިގައި ޝަރުޢީ މަރުހަލާ ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 24 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މި ކަމާ ބެހޭ ޝަރުއީ މަރުހަލާ ކުރިއަށް ގެންދިއުމަށް ފާސްވެގެން ދިޔައީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 13 ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ޙުސައިން ފުރުޝާން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" (ޖީއެމްޓީއެމްއޯ) އުފައްދަވާފައިވާ ކަމަށެވެ. އަދި އެ އޮފީހުގެ މެންޑޭޓުގައި ހުރި ކަންކަމާއި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ފުށުއެރުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ފުރުޝާން އިތުރަށް ވިދާޅުވީ، ޖީއެމްޓީއެމްއޯއަށް ބާރުތައް ދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ޤާނޫނީ ޒިންމާތައް އަލުން ބަހާލައި ނުވަތަ ހަނިކޮށްފައިވާ މިންވަރަށް ރިއާޔަތްކޮށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވުނު އިސްލާހުގެ މާއްދާތަކާ ދެކޮޅަށް ޝަރުޢީ މަރުހަލާއެއް ފަށަންޖެހޭ ކަމަށެވެ. އަދި މި މައްސަލާގައި ވަކި ގޮތެއް ނިމެންދެން، ޚިޔާލުތަފާތުވުން ހުރި ބާރުތައް ބަދަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ކޯޓަށް ދިއުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ ދަށުން މާލެ ސިޓީ ކައުންސިލަށް ޤާނޫނީ ބާރުތައް ލިބިދީފައިވާއިރު، ރައްޔިތުން އިންތިޚާބު ކޮށްފައިވާ ސިޓީ ކައުންސިލުން ޒަމާނުއްސުރެ އަދާކުރަމުން އައި މަސްއޫލިއްޔަތުތައް، މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް އުފައްދާފައިވާ އޮފީހަކަށް އަލުން ބަދަލުކުރުމަކީ ދުސްތޫރީ ގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް ކައުންސިލުން ދެކެއެވެ.
މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން ގިނަ ހުރަސްތަކެއް އަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ކައުންސިލުން ވަރަށް ރަނގަޅަށް މަގުތައް ހަދައި، ކާނުތައް ސާފުކޮށް، ގަސްތައް ބަލަހައްޓަމުންދާ ދަނޑިވަޅެއްގައި އަދި މި މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާ ވަގުތެއްގައި، ކައުންސިލަށް ސަރުކާރުން ކުރާ ޖެއްސުންތައް ބޮޑުވެފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
