ދިވެހިރާއްޖޭގެ ވެރިކަން ކުރާ މާލެ ސިޓީއަކީ މުޅި ދުނިޔޭގައިވެސް އެންމެ ތޮއްޖެހުން ބޮޑު އަދި އެންމެ ހަލުވިކަމާއެކު އަރބަނައިޒްވަމުން (ތަރައްޤީވެ ފުޅާވަމުން) އައިސްފައިވާ އެއް ސިޓީ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިހެން ވިދާޅުވީ "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" މި ނަމުގައި މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ހޯލުގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރ ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ހަތަރު ދަހަރުގެ ތެރޭގައި މާލޭގައި ދިރިއުޅޭ އާބާދީ ވަނީ 250،000 އަށްވުރެ މައްޗަށް އަރާފައެވެ. ނަމަވެސް، މި އިތުރުވި އާބާދީއާ އެއްވަރަށް ފުރިހަމަވާންޖެހޭ ފެނާއި، ނަރުދަމާ، ކަރަންޓު، ކުނި މެނޭޖުކުރުން، ޓްރެފިކް ބެލެހެއްޓުން، ޑީވޯޓަރިންގ އަދި ސްޓޯމް ވޯޓާ ސިސްޓަމް ފަދަ ޒަރޫރީ ޚިދުމަތްތަކާއި މަގުތަކުގެ ފެންވަރު ރަނގަޅު ކުރެވިފައި ނުވާތީ، މާލެ ސިޓީއަށް މިއަދު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަސްލު މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބި ދަނީ ދުރުރާސްތާގެ ހަރުދަނާ ތަރައްޤީގެ ޕްލޭނެއް ނެތި ސިޔާސަތުތައް ތަންފީޒު ކުރަމުންދާތީ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން މޭޔަރު ވިދާޅުވީ، މާލޭގެ އާއިލާތަކުގެ މެދުގައި ގޯތިތައް ކުދިކުދިކޮށް ފޮތިފޮއްޗަށް ބެހުމުގެ ސަބަބުން މަގުތައް ހަނިވެ، އިމާރާތްތައް އުސްވެ، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތައް ދުވަހުން ދުވަހަށް އިންތިހާއަށް އިތުރުވަމުންދާ ކަމަށެވެ.
މާލެ ސިޓީގެ ތޮއްޖެހުން ކުޑަކުރުމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލެ ފޭސް 1، 2، 3، ގުޅީފަޅު، ގިރާވަރު ފަޅު އަދި ފުށިދިއްގަރު ފަޅު (ރަސްމާލެ) ހިއްކި ނަމަވެސް، އެ ތަންތަނުގައިވެސް އާބާދީއާ އެކުއެކީ ގާއިމުވާންޖެހޭ އަސާސީ ޚިދުމަތްތައް ފުރިހަމަވެފައި ނެތުމުގެ ސަބަބުން، އަދިވެސް މާލެ ސިޓީއަށް ބަރޯސާވާ މިންވަރު ކުޑަނުވާކަމަށް ޢާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޓީތަކާއި ރަށްތައް ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ލާމަރުކަޒީ ނިޒާމެއް ތަޢާރަފުކުރެވިފައި އޮތް ނަމަވެސް، ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލްތަކާ ދެމެދު ހުރި އިދާރީ ހުރަސްތަކުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ ޕްލޭންތައް ތަންފީޒުކުރުމަށް ބޮޑެތި ދަތިތަކެއް ހުރިކަންވެސް މޭޔަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
