މާލެ ސިޓީ ކައުންސިލުން އެކުލަވާލި ދުރުރާސްތާގެ ޕްލޭން "ރީތިންކް މާލެ" ގެ މައިގަނޑު އަސާސްތައް ބިނާކުރެވިފައިވަނީ މާލެއަކީ ދިރިއުޅެން ފަސޭހަ، ރައްކާތެރި އަދި ތިމާވެއްޓާ ރައްޓެހި އަސާސީ ޚިދުމަތްތައް ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" މި ނަމުގައި މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ހޯލުގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމާއި، ތިމާވެއްޓާއި، ޕާކިންގ ފަދަ ގިނަގުނަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް މި ޕްލޭން އެކުލަވާލީ ރައްޔިތުންނާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި މާލެ ސިޓީގެ އަރބަން ޑިވެލޮޕްމަންޓް ސްޓްރެޓެޖީ 'ރީތިންކް މާލެ' ގެ މައިގަނޑު އަސާސްތައް އެކުލަވާލެވިފައިވަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ 17 ލަނޑުދަނޑި (އެސްޑީޖީސް) ގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ދުރުރާސްތާ ޕްލޭނަކީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ބައިނަލްއަޤްވާމީ ފަންނީ މާހިރުންގެ ފުރިހަމަ ދިރާސާތަކަކަށްފަހު އެކުލަވާލެވުނު ޕްލޭނެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ޔޫއެންއެސްކޭޕް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޮލަންޓަރީ ލޯކަލް ރިވިއު (ވީ.އެލް.އާރު) އެކުލަވާލާފައިވާ ކަމަށާއި، މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް ހިނގާބިނގާވެ އުޅެން ފަސޭހަ ތަނަކަށް ހެދުމަށް ރާއްޖޭގައި އަލަށް އާބަން މޮބިލިޓީ ސްޓަޑީއެއް ވެސް ކައުންސިލުން އިސްނަގައިގެން ހަދާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"ރީތިންކް މާލެ - އަރބަން ސްޓްރެޓެޖީ 2030/2050" ގެ ނަމުގައި ފާސްކޮށްފައިވާ މި ޕްލޭނަކީ ކުރިއަށް އޮތް 25 އަހަރަށް އަމާޒުކޮށް، މި ސިޓީއަކީ ދިރިއުޅެން ފަހި، ހިތްފަސޭހަ ޖަޒީރާ ސިޓީއަކަށް ހެދުމުގެ ތަސައްވުރެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.
ނަމަވެސް، ރައްޔިތުންގެ ޚިޔާލާއެކު އެކުލަވާލައި ކައުންސިލުން ފާސްކޮށްފައިވާ މި މުހިންމު ޕްލޭން ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކާއި ސިޓީ ކައުންސިލާ ދެމެދު ހުރި އިދާރީ ފުށުއެރުންތަކާއި، ލާމަރުކަޒީ ޤާނޫނަށް ގެނެވޭ ކުއްލި އިސްލާހުތަކުގެ ސަބަބުން މި ޕްލޭން އަމަލީ ގޮތުން ތަންފީޒު ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށް މޭޔަރު ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
