މާލެ ސިޓީ ކައުންސިލުން މާލޭގެ ދުރުރާސްތާ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް އިސްލާހުތަކެއް ގެނައުމަށްފަހު ކައުންސިލުގެ ގިނަ ބިންތަކެއް ޤާނޫނާ ޚިލާފަށް ސަރުކާރަށް ނަގަން ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިހެން ވިދާޅުވީ "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" މި ނަމުގައި މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ހޯލުގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ޢާޒިމް ވިދާޅުވީ، ސަރުކާރުން އިސްވެ މާލެ ސިޓީ ތަރައްޤީ ކުރުމުގެ ނަމުގައި ކައުންސިލުގެ މިލްކިއްޔާތުން މި ބިންތައް ނަގަން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި ކައުންސިލުގެ އަމިއްލަ ރަޖިސްޓްރީ ހެދިފައިވާ ބިންތައް ނެގުމުގައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި، ނަމަވެސް އެ ކަންކަމަށް ބެލުމެއްނެތި ކައުންސިލުގެ ބިންތައް ސަރުކާރަށް ނަގާނެކަން އަންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މައްސަލަ މިހާރު ވާނީ ކައުންސިލުގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ކަމަށްވެސް މޭޔަރު ހާމަކުރެއްވިއެވެ.
މީގެއިތުރުން، ގެނެވުނު މި ކުއްލި ބަދަލުތަކުގެ ސަބަބުން ކައުންސިލްގެ އާމްދަނީ ފަންޑަށް 2027 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީން ގާތްގަނޑަކަށް 80 އިންސައްތަ އުނިވެގެންދާނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މިފަދަ ސިޔާސަތުތަކުގެ ސަބަބުން، ކައުންސިލުގެ މައްޗަށް ލާޒިމުކޮށްފައިވާ ޤާނޫނީ ޒިންމާތައް އަދާކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޒަމާނުއްސުރެ މާލެ ސިޓީގެ އެކި ދާއިރާތަކަށް ދިމާވެފައިވާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުލިބި، ރައްޔިތުންގެ ފައިސާ ބޮޑުތަނުން އިސްރާފު ވެގެން މިދަނީ. މިއީ ހަމަގައިމުވެސް ކަންބޮޑުވާންޖެހޭ މައްސަލައެއް. ދުރުރާސްތާގެ ޕްލޭނެއް ނެތި މާޒީގައި ހިންގިފައިވާ ކަންކަމުން މާލެ ސިޓީގެ އެކިއެކި ދާއިރާތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބިވާކަން އެބައެނގޭ،" ވަށާޖެހޭ ދިގުރާސްތާގެ ޕްލޭނެއްގެ މުހިންމުކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ބައްދަލުވުމުގައި މާލެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާއި އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
