މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 10 ނޮވެމްބަރ 2026


މާލޭ ހިޔާ 1 ގެ ފެން ލީކުވާ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން، މާލޭ ހިޔާ 1 ފްލެޓްތަކުގެ ފެން ލީކުވާ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރުމަށްޓަކައި ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތަކީ މާލެ ސިޓީގެ މޭޔަރުކަމާ އާދަމް ޢާޒިމް ހަވާލުވެވަޑައިގެންނެވި ފަހުން، އެމަނިކުފާނުގެ ސީދާ އިރުޝާދުގެ ދަށުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.

މާލޭ ހިޔާ 1 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ފެން ލީކުވުމުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން އެކަށީގެންވާ ހައްލެއް ނުލިބި ދިގުލައިގެން ގޮސް، އެ އިމާރާތުގައި ދިރިއުޅޭ އެތައް އާއިލާއަކަށް އިންތިހާއަށް ބޮޑެތި ތަކުލީފުތަކަކާއި ގެއްލުންތަކެއް ކުރިމަތިކުރުވި މައްސަލައެކެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވަނީ އެއްބަސްވުމެއްގެ ދަށުން މި މަސައްކަތް އަމިއްލަ ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ފަށާފައިވާ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 18 އެޕާޓްމަންޓެއްގެ ފެން ލީކުވާ މައްސަލަ ހައްލުކުރުމެވެ. އަދި ފުރަތަމަ ފިޔަވަހި ނިމުމާއެކު، އެއްވެސް ލަސްކުރުމެއް ނެތި ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން ފްލެޓްތަކުން ފެން ލީކުވަމުންދާ ހުރިހާ ދިމާތަކެއް ދެނެގަނެ، އެކަންކަން ފުރިހަމައަށް ރަނގަޅުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅިގެންދާނެއެވެ. ސިޓީ ކައުންސިލްގެ އަމާޒަކީ މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، މާލޭ ހިޔާ 1 ގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި، އަދި އަމާން ދިރިއުޅުމުގެ މާހައުލެއް ކަށަވަރުކޮށްދިނުމެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަކީ ކައުންސިލްގެ އެންމެ އިސް އަމާޒު ކަމުގައިވާއިރު، މި މަސައްކަތް އެއްކޮށް ނިމުމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ތަހައްމަލު ކުރަމުންދިޔަ ދަތިތަކަށް ނިމުމެއް އައިސް، ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.