ވީޓީވީ "ފަސްމަންޒަރު" ޕްރޮގްރާމްގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ.

މާލެ ސިޓީ ކައުންސިލް އިދާރާ16 މެއި 2022


އަރަބިއްޔާ މައްސަލައަށް ހައްލު ހޯދައިދޭން އެންމެ ފުރަތަމަ މަސައްކަތްކުރީ އަޅުގަނޑުމެން: މޭޔަރު

އަރަބިއްޔާ ސްކޫލުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެންމެ ފުރަތަމަ މަސައްކަތް ކޮށްދީ އެހީތެރިކަން ފޯރުކޮށްދީފައިވާނީ މާލެ ސިޓީ ކައުންސިލުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި ބައްދަލުކުރާނެ އެއްވެސް އިދާރެއް އަދި ވުޒާރާއެއް ނެތިފައި ތިއްބައި އެބޭފުޅުންނާއި ބައްދަލުކޮށް ހައްލެއް ހޯދައިދެއްވުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ މާލެ ސިޓީ ކައުންސިލް ކަމުގައެވެ.

އަދި އެބޭފުޅުންނާއި ބައްދަލުކޮށް ޔޫއެންގެ އިމާރާތެއްގެ ގޮތުގައި ބޭނުންކުރިތަނަކީ ވަގުތީ ސްކޫލަކަށް ބޭނުން ކުރުމަށް އެކަށީގެންވާ ތަނަކަށްވުމުން އެތަން ބޭނުން ކުރުމަށް ހުއްދައަށް އެދުމަށް ދެންނެވިން ކަމުގައިވެސް މޭޔަރު ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން އެކަމަށް ހުއްދަ ނުދިނީ ކަމެއް ނުވަތަ އެބޭފުޅުންނަށް ސަރުކާރުގައި ނުދެންނެވުނީކަމެއް ނޭނގޭ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

ވީޓީވީ "ފަސްމަންޒަރު" ޕްރޮގްރާމްގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ.

ސަރުކާރުން އަރަބިއްޔާ ސްކޫލް އެޅުމަށް ފަހުން ނިންމީ މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަޙައްދުކަން ފާހަގަ ކުރައްވަމުން މޭޔަރު ވިދާޅުވީ އެތަނަކީ ސްކޫލެއް އަޅަން އެންމެ އެކަށީގެންނުވާ ތަން ކަމުގައި ވީނަމަވެސް އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ހައްގުގައި ސަރުކާރުން ބޭނުންވި ގޮތަށް އެތަނުގެ ރަޖިސްޓްރީވެސް ބަދަލުކޮށްދީފައިވާނެ ކަމުގައެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އަދި ކައުންސިލްގެ އެއްވެސް ކައުންސިލަރެއް ތަރައްގީގެ މިފަދަ މަޝްރޫއުތަކަކާއި ހުރަސް ނާޅާނެކަމުގައެވެ.