ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ކުންފުންޏެއްގެ ދަށުގައި ތާށިވެފައި އޮތުމަކީ ވަރަށް ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމަށް މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރަށް 1 އަހަރު ފުރުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު ރިޔާސީ ވައުދަކީ ލާމަރުކަޒީ ނިޒާމު ކަމުގައި ވީނަމަވެސް ގާނޫނު އަސާސީގައި ހުޅުމާލޭގެ އިހުތިސާސް ކަނޑައެޅިފައި ވާއިރުވެސް މާލެ ސިޓީ ކައުންސިލަށް އިހްތިސާސީ ބާރު ދީފައި ނުވާކަމަށެވެ.
”ހުޅުމާލޭގެ އިހްތިޞާސް ޤާނޫނުގައި ކަނޑައެޅިފައި އޮންނައިރު، އިހްތިޞާސީ ބާރުނުދީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ކުންފުންޏެއްގެ ދަށުގައި ތާށިވެފަ އޮތްއޮތުން މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވެ ހިތާމަ ކުރާކަމެއް“
ޝުޖާއުގެ ވާހަކަފުޅުގައި ހުޅުމާލޭގެ ފްލެޓްތަކުގެ ހާލަތަށްވެސް ވަނީ ރިއާޔަތް ކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ މިއަދު ހުޅުމާލޭގެ ބައެއް ފްލެޓްތަކުގެ ސީލިންގް ތަކުން ފެންފައިބާ ރައްޔިތުންނަށް އެތަށް ދަތި އުނދަގޫ ތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެހެންނަމަވެސް ހުޅުމާލޭގެ ބަލަދުވެރިން ކަމުގައި ދައުވާ ކުރާ އެޗްޑީސީން މިކަމަށް އެއްވެސް އަހައްމިއްޔަތު ކަމެއް ނުދޭ ކަމުގައެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ހުޅުމާލެގެ މުނިސިޕަލް ހިދުމަތް ކުރިއަށް ދަނީ ވަރަށް "ފީކަޅާކޮށް" ކަމަށާއި އެޗްޑީސީ އަށް ހުޅުމާލެއަށް ބޭނުންވާ މުނިސިޕަލް ހިދުމަތް ފޯރުކޮށްދެވިފައި ނުވުމުން ހުޅުމާލެ މާލެ ސިޓީ ކައުންސިލުގެ ދަށަށް ގެނައުމަށް އެތަށް ފަހަރެއްގެ މަތިން ދެންނެވިފައިވާނެކަމުގައި ޝުޖާއު ވިދާޅުވިއެވެ. އަދި 2000 މީހުންނަށް ވުރެ ގިނ މީހުންގެ ސޮޔާއިއެކު އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިށްވެސް އަންގާފައިވާނެ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.
-1652810321312.webp)