ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ

މާލެ ސިޓީ ކައުންސިލް އިދާރާ29 ޖޫން 2022


ތިމާވެއްޓާއިގުޅޭ ގިނަ ޙަރަކާތްތަކެއް މާލެ ސިޓީ ކައުންސިލުން ކުރިއަށް އެބަގެންދަން:މަރިޔަމް ނާޒިމާ

މާލެ ސިޓީ ކައުންސިލްގެ ތިމާވެއްޓާއިގުޅޭ ގިނަ ޙަރަކާތްތަކެއް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް މާލެ ސިޓީ ކައުންސިލްގެ އެންވަރމަންޓް ކޮމެޓީގެ މުޤައްރިރު އަދި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ 58 ވަނަ ޖަލްސާގައި ނާޒިމާ ވަނީ އެކޮމެޓީއިން ކުރިއަށްގެންދެވިފައިވާ ކަންކަމާއި،އަދި ކުރިއަށް ރޭވިފައިހުރި ކަންކަމުގެ ތަފްސީލް ކައުންސިލާއި ހިއްސާކުރައްވާފައެވެ.

އެގޮތުން ޕްލާސްޓިކާއި ދުރުވަމާ ޕްރޮގްރާމް އަދި ހިތްގައިމު ފަރު ޕްރޮގްރާމާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކުރެއްވެވިއެވެ.

ކައުންސިލްގެ އެންވަރމަންޓް ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޕާރލޭ އާއިއެކު ހެދިފައިވާ އެއްބަސްވުމާއިއެކު ޕްލާސްޓިކާއި ދުރުވަމާ ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ޕްލާސްޓިކް މަދުކުރުމަށް ބާރުއެޅުމަށާއި އަދި ޕްލާސްޓިކްގެ ނުރައްކާ، ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑުފަޅަށާއި، ވެށީގައިވާ އެންމެހައި ދިރުންތަކަށާއި، މި ޖަޒީރާ ރާއްޖޭގެ ދެމިއޮތުމަށް އޮތް މިންވަރު އަންގައިދީ، ހޭލުންތެރި ކުރުވުމުގެ މަޤްޞަދުގައި، މާލެ ސިޓީކައުންސިލުން ވަނީ 2021 ވަނަ އަހަރު "ޕްލާސްޓިކާއި ދުރުވަމާ" ނަމުގައި ލޯގޯ މުބާރާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މި މުބާރާތުން ވަނަވަނަޔަށް ހޮވިފައިވާ ލޯގޯތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، މާލެ ސިޓީ ކައުންސިލްގެ ފަރާތުން ޕްލާސްޓިކާ ދުރުވުމުގެ ޝިއާރު ތަކާއެކު ހިންގާ ތަފާތު ޙަރަކާތްތަކުގައި ކަމަށް އެންވަރމަންޓް ކޮމެޓީގެ މުޤައްރިރު ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންވަރމަންޓް މިނިސްޓްރީ އާއި އީ.ޕީ.އޭ އަދި މާލެ ސިޓީ އ.ތ.މ ކޮމެޓީގެ ބައިވެރިވުމާއިވެސް އެކުގައި ކަމަށް ނާޒިމާ ވިދާޅުވިއެވެ.

މި ލޯގޯ މިހާރު ވަނީ ވެކްޓަރ ގްރެފިކްސްއަށް ބަދަލުކުރެވިފަ. ލޯގޯ ބޭނުންކުރަން ހަމަޖެހިފައިވަނީ ކައުންސިލުން ތައްޔާރުކުރާ ފޮތި ދަބަސްތަކުގައި ޖެހުމަށް. ފުރަތަމަ ފަށައިގަންނައިރު އެކި އެކި ޙަރަކާތްތަކުގައި ބޭނުންކުރުމަށް ބޭނުންވާ ލޯގޯ ވަނީ ތައްޔާރުކުރެވިފަ

މީގެ އިތުރުންވެސް ޕާލޭ އާއި އެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި ކަމަށް ނާޒިމާ ވިދާޅުވިއެވެ.

މިހާރު ވާނީ ޕާލޭއިން އެދި ލެއްވިގޮތަށް ނެޓް ބާސްކެޓްތަކެއް ބައެއް ސަރަޙައްދުތަކުގައި ހަރުކޮށްފަ. މީގެ އިތުރުން ބާސްކެޓް ޕޮޓެއްގެ ސިފައިގައި ޕްލާސްޓިކް ފުޅި އެޅުމަށް ޚާޢްސަ ނެޓެއް ފަރުމާކުރެވި، ބައެއް ސަރަޙައްދުތަކުގައި ވަނީ ހަރުކުރެވިފަ.ޕާރލޭއިން ވިދާޅުވަނީ މިއީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް

މީގެ އިތުރުން މިހާރު ކުރަން ނިންމާފައިވާ އެއްކަމަކީ އާރޓިފިޝަލް ބީޗް ސަރަޙައްދުގައި ޕްލާސްޓިކް ފުޅިފަދަ ތަކެތި އެޅުމަށް ޚާއްސަ ބިންއެއް ބެހެއްޓުން ކަމަށާއި، އެޑިއުކޭޝަނަލް ސެގްމެންޓެއްގައި ހިމެނުމަށް އޯޝަން އެވެއާނަސް ފޮތެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިއާއިއެކު އުކާލެވޭ ޕްލާސްޓިކް އެޅުމަށް ޓީޖެޓީ އާއި ނޯތު ހާބަރުގައި ބޮޑެތި ޖަމްބޯ ބިންތައް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށްވެސް ނާޒިމާ ވިދާޅުވިއެވެ.

ނާޒިމާ ވިދާޅުވީ ޕްލާސްޓީކާއި ދުރުވަމާ ޕްރޮގްރާމް ފެށުމާއިއެކުކައުންސިލްގެ ހުރިހާ އިދާރާތަކަށް ނެޓް ބާސްކެޓް ފޮނުވާގޮތަށް ޕާލޭއިން ވަނީ ނިންމާފައިކަމަށާއި، މި ބާސްކެޓްތައް ސިޓީ ކައުންސިލްގެ ހުރިހާ އިދާރާތަކެއްގައި ބޭނުންކޮށް ހުސްވާ ޕްލާސްޓިކް ތަކެތި އެޅުމަށް ބޭނުންކުރެވިގެން ދާނެކަމަށެވެ.

މީގެ އިތުރުން ނާޒިމާ ވިދާޅުވީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް އެންވަރމަންޓް މިނިސްޓްރީއާއިއެކު ބޭއްވުމަށް ވަނީ ހަމަޖެހިފައ ކަމަށެވެ.

އެންވަރމަންޓް ކޮމެޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން މޭޔަރު ވިދާޅުވީ ކޮމެޓީއިން ކޮށްފައިވަނީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކަމަށެވެ.

އެކަމަށްޓަކައި ކޮމެޓީގެ މުޤައްރިރާއި އަދި ކޮމެޓީގެ މެމްބަރުންނަށް މޭޔަރު ވަނީޝުކުރު ދަންނަވާފައެވެ.

މޭޔަރު ގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއުވެސް ވަނީ އެންވަރމަންޓް ކޮމެޓީ އިން އެންޖީއޯ ތަކާއި ގުޅިގެން ކުރައްވަމުންދާ މަސައްކަތަށް ކޮމެޓީއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވާފައެވެ.