ގަރާޖު ސިޓީގެ ނިޒާމު ވަގުތުން އުވާލުމަށް މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.
މޭޔަރު މިފަދައިން ގޮވާލެއްވީ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މާލެސިޓީގެ ޕާކިން މައްސަލައާއި ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރައްވަމުންނެވެ.
”” ގަރާޖު ސިޓީގެ ނިޒާމު ވަގުތުން އުވާލަން ގޮވާލަން. އަދި ޕާކިންގ މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށް ގޮވާލަން. ރައްޔިތުންގެ ޖީބަށް އަތް ބޭނުމުގެ ބަދަލުގައި ރައްޔިތުންނަށް ހައްލު ހޯދައިދިނުމުގެ އަޚުލާޤު ދަސްކުރަން އަޅުގަނޑު ސަރުކާރަށް ގޮވާލަން. ““
ޕާކިން މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން އެޅުމަށް ނިންމާފައިވާ ޕާކިން ބިލްޑިންގް ބިނާކުރަން ކުރަންޖެހޭ ހުރިހައި މަސައްކަތެއް ކޮށް ނިންމާފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ ރައްޔިތުންނަށް މި މައްސަލައަށް ހައްލު ހޯދައިދިނުމަށް ހަމައެކަނި ބޭނުންވަނީ ސަރުކާރުގެ ހުއްދަ ކަމަށާއި، އެހެންކަމުން މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން އިމާރާތްކުރަން ފަރުމާކޮށްފައިވާ 8 ޕާކިންގ ބިލްޑިންގް އެޅުމަށް އެއްބާރުލުން ދެއްވަން މޭޔަރު މުޢިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.