މިނިސްޓަރ އާދަމް ޝަރީފް މާލެސިޓީ ކައުންސިލްގެ އިސްވެރިންނާއި ކައުންސިލަރުންނާއި ބައްދަލު ކުރެއްވުން.

މާލެސިޓީ ކައުންސިލް20 ނޮވެމްބަރ 2023


މިނިސްޓަރ އާދަމް ޝަރީފް މާލެސިޓީ ކައުންސިލްގެ އިސްވެރިންނާއި ކައުންސިލަރުންނާއި ބައްދަލު ކުރައްވައިފި

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް މާލެސިޓީ ކައުންސިލްގެ އިސްވެރިންނާއި ކައުންސިލަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު މާލެ ސިޓީ ކައުންސިލްގެ ބިއުރޯގައެވެ.

މި ބައްދަލުވުމަކީ މިނިސްޓްރީއާއި ހުރިހާ ސިޓީތަކާއި ކައުންސިލްތަކާއި ގުޅިގެން ނަތީޖާ ނެރުމަށްޓަކައި ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ވަޒީރެއްގެ ގޮތުގައި ހުންނަވާ އަދި މާލެސިޓީގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެންވެސް ކައުންސިލްގައި ހުރި މުހިންމު ކަންކަން ތަޖުރިބާ ކުރައްވާފައިކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އަކީ އެ ތަޖުރިބާގެ އަލީގައި ރައީސް ޑރ. މުޢިއްޒު އުފެއްދެވި މިނިސްޓްރީއެއް ކަމަށް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ވަޒީރެއްގެ ގޮތުގައި ހުންނަވާ އަދި މާލެސިޓީގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެންވެސް ކައުންސިލްގައި ހުރި މުހިންމު ކަންކަން ތަޖުރިބާ ކުރައްވާފަ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އަކީ އެ ތަޖުރިބާގެ އަލީގައި ރައީސް ޑރ. މުޢިއްޒު އުފެއްދެވި މިނިސްޓްރީއެއް

މިނިސްޓަރ ވިދާޅުވީ ރައީސްގެ ކެމްޕޭނުގައި ވިދާޅުފަދައިން މުޅި ރާއްޖެ ގުޅި ލާމެހިގެން މަސައްކަތް ކުރާއިރު ސަރުކާރާއި ރައްޔިތުންނާއި،އަދި ކައުންސިލްތަކާއި ސިޓީތަކާއި ގުޅުވައިދިނުމަށްޓަކައި، ވުޒާރާއެއް އުފައްދަވައި ރައީސް ޑރ. މުޢިއްޒުގެ ވަޢުދު ފުއްދަވާފައިވާކަމަށެވެ. އަދި ދެން އޮތް މަސައްކަތަކީ މިނިސްޓްރީ އާއި ކައުންސިލްތަކާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނި ކަންތައްތަކުން ނަތީޖާ ނެރުމަށްޓަކައި މަސައްކަތްކުރުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދިނުމުގައި ސިޓީތަކާއި ކައުންސިލްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، މިފަދައިން މާލެ ސިޓީ ކައުންސިލާއި މާލެސިޓީގެ ރައްޔިތުންނާއި ގުޅުވައިދިނުމަށް މިނިސްޓްރީއިން އެއްބާރުލުން ފޯރުކޮށްދިނުމާއިއެކު، ހުރިހާ މާނައެއްގައި ރައީސުލް ޖުމްހޫރިއްޔާ މާލެސިޓީ އަށް ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ގެނައުމުގައި މިނިސްޓްރީ އާއި ކައުންސިލާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރ އާދަމް ޝަރީފް ވަނީ ދެއްވާފައެވެ.

މި ބައްދަލު ވުމުގައި މާލެ ސިޓީގެ އެކްޓިންގ މޭޔަރގެ އިތުރުން ބައެއް ކައުންސިލަރުން ވަނީ ކައުންސިލް ހިންގުމުގައި ނިމިދިޔަ ސަރުކާރުގައި ދިމާވި ދަތިތަކުގެ ވާހަކަތައް މިނިސްޓަރާއި ހިއްސާ ކުރައްވާފައެވެ.އެގޮތުން މާލެސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ލޭންޑް ޔޫސް ޕްލޭން ފާސްނުވެ އޮތުމުން ދިމާވާ ގޮންޖެހުންތަކާއި، ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

ކަންބޮޑުވުންތަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މުހިންމު ކަންކަން ދިރާސާއަކަށް ނުގޮސް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ޢިލްމީ ދިރާސާއަކަށްފަހު ކުރިއަށް ދާނެ ކަމަށާއި، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހިންގުމަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރ އާދަމސް ޝަރީފް ވިދާޅުވިއެވެ.