މާލެ ސިޓީ ކައުންސިލަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމުގެ ހުވައި ކުރައްވައިފި

މާލެ ސިޓީ ކައުންސިލް07 އޯގަސްޓް 2024


މާލެ ސިޓީ ކައުންސިލަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމުގެ ހުވައި ކުރައްވައިފި

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ކައުންސިލަރުން މަޤާމުގެ ހުވައި ކުރައްވައިފިއެވެ. މި ބޭފުޅުން ހުވައިކުރެއްވީ 7 އޮސްޓް 2024 ވަނަ ދުވަހު ހެނދުނު، މީރުމާ ހޮޓަލުގައި މި ކަމަށް ޓަކައި ބޭއްވުނު ޚާއްޞަ ދަރުބާރެއްގައެވެ. މި 3 ކައުންސިލަރުންނަށް ހުވައި ލައިދެއްވީ ޑްރަގު ކޯޓުގެ ގާޟީ އަލްއުސްތާޒު މުޙައްމަދު ސަމީރެވެ. މި އަދު ހުވައި ކުރެވި 3 ކައުންސިލަރުންނަކީ، މައްޗަން ގޯޅި މެދު ދާއިރާއަށް ހޮވިވަޑައިގެންނެވި ޕީ.އެން.ސީ. ގެ މެމްބަރ، ޢިޝާން އަލީއާއި ހެންވޭރު ހުޅަނގު ދާއިރާއަށް ހޮވިވަޑައިގެންނެވި ޕީ.އެން.ސީ. ގެ މެމްބަރ، ފާތިމަތު ޝައުފާ ސަލީމާއި ހުޅުމާލެ ދާއިރާއަށް ހޮވިވަޑައިގެންނެވި ޕީ.އެން.ސީ. ގެ މެމްބަރ، ޢަލީ އައިމަނެވެ. މި 3 ގޮނޑިއަށް ކައުންސިލަރުން އިންތިޚާބު ކުރަން ޖެހުނީ، ކުރިން މި ދާއިރާތަކުގެ ކައުންސިލަރުންގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅުން، 20 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެ ވަޑައިގަތުމާ ގުޅިގެންނެވެ.

މި އަދު ގެ ދަރުބާރުގައި މާލެ ސިޓީގެ ޢިއްޒަތްތެރި މޭޔަރ އާދަމް ޢާޒިމް ވާހަކަ ފުޅު ދެއްކެވިއެވެ. އެ މަނިކުފާނުގެ ވާހަފުޅުގައި އަލަށް ހޮވި ވަޑައިގެންނެވި 3 ކައުންސިލަރުންނަށް މަރުޙަބާ ދެންނެވިއެވެ. މޭޔަރުގެ ވާހަކަފުޅުގައި، ކައުސިލަށް ހޮވިވަޑައިގެންނެވި ބޭފުޅުން، މާލެ ސިޓީގެ ކަންކަމުގެ ސިޔާސަތު ކަނޑައަޅައިދެއްވުމުގައި، އެ މަނިކުފާނަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެދި ވަޑައިގެންނެވިއެވެ. އަދި މެމްބަރުންގެ ދާއިރާގެ ރައްޔިތުން ބޭނުންފުޅުވާ ކަންކަމާއި ދަތިވާ ކަންކަން ދެނެގަނެ، ސިޓީ ކައުންސިލާއި ހަމައަށް އެ ކަންކަން ގެނެސް މަޝްވަރާކޮށް، އެ ކަންކަމުގެ ހައްލު ހޯއްދެވުމަށް، ގުޅިގެން މަސައްކަތްކޮށް ދެއްވުމަށް އެދި ވަޑައިގެންނެވިއެވެ.

މާލޭގެ ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތުން އެ މަނިކުފަނު މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް، މަސައްކަތް ކުރައްވާފައި ވާނީ، އަދި ކުރިޔަށް އޮތްތާގައި މަސައްކަތް ކުރައްވާނީ ވެސް، ވަކި ފިކުރަކަށް ބެލުމެއް ނެތި، މި މާލެ ސިޓީ އަށް، މާލޭ ސިޓީގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ޓަކައި އިޚުލާޞްތެރި މަސައްކަތެއް ކޮށްދެވޭތޯކަމަށް ވިދާޅުވިއެވެ. މި ދަރުބާރުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފު ޢުމަރު ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނުގެ ވާހަކަ ފުޅުގައި ކައުންސިލްތައް ހިންގުމާ ގުޅޭ ގޮތުން އެ މަނިކުފާނުގެ ޚިޔާލުފުޅު ހުށަހެޅުއްވިއެވެ.