މާލެސިޓީގައި ޢިމާރާތްކުރާ ފަރާތްތަކާއި އެކި ބޭނުންތަކަށް މާލޭގެ މަގުތައް ކޮންނަ ފަރާތްތަކުން މިހާރު ޢަމަލުކުރަމުންދާ ގޮތުން، މާލެ ސިޓީގެ މަގުތަކާއި ދުވަރުތައް ހަލާކުވަމުންދާތީ، އެ ކަން ބައްލަވަން މޭޔަރ އާދަމް ޢާޒިމް ނިންމަވައިފިއެވެ. އެ ކަން އެ މަނިކުފާނު ހާމަކުރެއްވީ، 4 ޑިސެމްބަރ 2024 ގައި ބޭއްވުނު، މާލެ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ، 174 ވަނަ ޢާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، މާލެ ސިޓީގައި ދިރިއުޅުއްވާ ޢާއްމު ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން ލިބޭ އެއް ޝަކުވާއަކީ، ކޮންސްޓްރަކްޝަން މަސައްކަތްކުރައްވާ ކުންފުނިތަކާއި އެކި ބޭނުންތަކަށް މާލޭގެ މަގުތައް ކޮންނަ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، މަސައްކަތް ކުރުމުގެތެރޭގައި ހަލާކުވެގެންދާ މަގާއި ދުވާރުގެބައި މަރާމާތު ނުކުރާކަމުގެ ޝަކުވާއެވެ. އަދި މަގުތައް ކޮންނަ ފަރާތްތަކުން، މަގުން ކޮންނަ ތަނުގައި ރީޗަށް ޤާ އަތުރާފައި ނުހުންނަ ކަމުގެ ޝަކުވާއެވެ.
ހަމަޖެހިފައިވާ ގޮތަށް، ރަނގަޅަށް ކަންތައް ކުރެވޭ ނަމަ، މަގުތަކާއި ދުވާރުން ހަލާކުވާ ތަންތަން މަރާމާތު ނުކޮށް، މަސައްކަތްކުރައްވާ ކުންފުނިތަކަށް ދޭން ޖެހޭ ހުއްދަތައް ނުދެވޭނެކަމަށް މޭޔަރ ވިދާޅުވިއެވެ. ނަމަވެސް ސިޓީ ކައުންސިލުން އެކަން ބަލަންވާ ވަރަށް ނުބެލޭތީ، މަޤުތަކާއި ދުވާރުތަކުން ހަލާކުވާ ބައި މަރާމާތު ނުކޮށް އަދި ގާ އެތުރުމުގެ މަސައްކަތް ރަނގަޅަށް ނުކޮށް، ކުންފުނިތަކުން ދަނީ ކަމަށް، މޭޔަރ ވިދާޅުވިއެވެ. އެހެން ކަމުން މި ހިނގާ ޑިސެމްބަރ މަހުން ފެށިގެން، ސީދާ އެ މަނިކުފާނު ވަޑައިގެން ކޮންސްޓްރަކްޝަން މަސައްކަތް ހިނގާ ސައިތްތައް ބައްލަވާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.