ސަލްޓަންޕާކު ތެރޭގައި ހުރި، ކުރީގެ ރަސްކަން ކުރެއްވި ގަނޑުވަރުގެ ބައެއް ކަމަށްވާ، އުސްގެކޮޅުގެ އާބާތުރަ ފިލުވައި އެތަން މަރާމާތު ކުރުމާ ބެހޭ ގޮތުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ވަޒީރު އާދަމްނަސީރާ ދެ ބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުން އޮތީ، 4 ޑިސެމްބަރ 2024 ވަނަ ދުވަހު، ދިވެހި ބަހާއި ޤައުމިއްޔަތާބެހޭ ވުޒާރާގައެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ، ސަލްޓަމްޕާކު ތެރޭގައި ހުރި، އުސްގެ ކޮޅުގެ އާބާތުރަ ފިލުވައި އެ ތަނުގެ އާސާރު ނުގެއްލޭ ގޮތަށް، ރީތިކުރުމުގެ މަސައްކަތް ކުރުމާ ބެހޭ ގޮތުންނެވެ. މި ތަނަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަނަކަށް ވުމުން، މި ތަނުގެ މަރާމާތުގެ މަސައްކަތް ކުރުމަށް ޓަކައި، ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ވުޒާރާއާ ޙަވާލުކުރުމާ ބެހޭ ގޮތުންނެވެ.
މި ކަމާބެހޭ ގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ކޮންމެ ބަޔަކު އެތަން މަރާމާތުކޮށް ރީތި ކުރި ނަމަވެސް، އެ ކަމަކީ އެ މަނިކުފާނު ވެސް ނުހަނު ބޮޑަށް އެދިވަޑައިގަންނަވާ އަދި ނުހަނު ބޮޑަށް ބޭނުންފުޅުވާ ކަމެއްކަމަށެވެ. އެހެންކަމުން ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ވުޒާރާއިން އެދި ވަޑައިގެންނެވި ގޮތަށް، އުސްގެކޮޅުގެ އާބާތުރަ ފިލުވައި ރީތިކުރުމަށް ޓަކައި، އެ ތަން އެ މިނިސްޓަރީއާ ޙަވާލުކުރައްވާނެކަމަށް މާޔަރ ޢާޒިމް ވިދާޅުވިއެވެ