މާލެ ސިޓީއާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެނިމަލް ވެލްފެއާރއާ ދެމެދު ސޮއިކުރެވުނު، އެމްއޯޔޫ އެއްގެ ދަށުން، މާލޭ ސިޓީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން އަދި އެ ޢިމާރާތް ފަރުމާކޮށް، ޢިމާރާތް ހުޅުވުމާ ހަމައަށް ކުރި ހުރިހާ މަސައްކަތެއް، މާލެ ސިޓީކައުންސިލުންކޮށް ނިންމައި ހުޅުވި، އޮޅު ހިޔާ، ސަރުކާރުން ބޭނުންވުމުން ސަރުކާރާ ޙަވާލުކުރުމަށް، 4 ޑިސެމްބަރ 2024 ގައި ބޭއްވުނު، މާލެ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ، 174 ވަނަ ޢާއްމު ޖަލްސާގެ އިއްތިފާގުން ނިންމަފިއެވެ.
މި ކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، އޮޅު ހިޔާގައި ރަނގަޅު ކުރަންޖެހޭ މަދު ބައެއް ކަންކަން ހުރި ނަމަވެސް، މާލެ ސިޓީގައި އުޅޭ ބުޅާތައް އެ ތަނަށް ގެންގޮސް، ބުޅާތަކުގެ ސަބަބުން، މާލެ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އުނދަގޫތައް ހަލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެހެންކަމުން 4 ޑިސެމްބަރ 2024 ގައި މާލޭ ސިޓީގައި ދިރިއުޅޭ ބުޅާތައް އެ ތަނަށް ގެންދިއުމުގެ މަސައްކަތް ފަށަން ތައްރުވެފައި ވަނިކޮށް، ރައީސްގެ އެދި ވަޑައިގަތުމަށް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެނިމަލް ވެލްފެއާރއާ އެ ތަން ޙަވާލުކުރުމަށް، އެ މިނިސްޓްރީން އެންގެވުމުން، އޮޅު ހިޔާއަށް ބުޅާ ގެންދިއުމުގެ މަސައްކަތް ހުއްޓާލެއްވި ކަމަށެވެ.
އޮޅު ހިޔާ ސަރުކާރާ ޙަވާލުކުރުމާ ބެހޭ ގޮތުން، ޑެޕިއުޓީ މާޔަރ އަޙުމަދު ނަރީޝް ވިދާޅުވީ، ސަރުކަރުން އެދިވަޑައިގަތުމުން، އޮޅު ހިޔާ ސަރުކާރާ ޙަވާލު ކުރި ނަމަވެސް، އެ ތަންޢިމާރާތްކުރުމަށް، މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން ކުރި ޚަރަދު، މާލެ ސިޓީއަށް ލިބެންޖެހޭނެ ކަމަށެވެ. މިކަމާ ބެހޭ ގޮތުން ކައުންސިލަރ މުޙައްމަދު ސައިފު ފާތިޙު ވެސް ވަނީ، ޑެޕިއުޓީ މޭޔަރ ނަރީޝްގެ ވާހަކަފުޅަށް ތާއީދުކޮށް ވާހަކަފުޅުދައްކަވާފައެވެ. ސައިފު ވިދާޅުވީ، މާލެ ސިޓީގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން ހަދައި ނިންމާފައިވާ އޮޅު ހިޔާއަށް، މާލެ ސިޓީގައި އުޅޭ ބުޅާތައް ގެންދިއުމުގެ މަސައްކަތް ވީހާ އަވަހަށް ފަށައި، ބުޅަލުގެ ސަބަބުން މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވާ އުނދަގޫތަކުން ރައްޔިތުން ސަލާމަތް ކުރަންޖެހޭ ކަމަށެވެ.