ސިޓީ ޕާކް

މާލޭ ސިޓީ ކައުންސިލް08 ޑިސެމްބަރ 2024


ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ގަލޮޅު ސިޓީޕާކު އަލުން ހެދުމުގެ މަސައްކަތް ފަށައިފި

އެއްވެސް ބޭނުމެއް ނުހިފި ވީރާނާވަމުން ދިޔަ، ގަލޮޅު ސިޓީ ޕާކު، 15 އަހަރު ފަހުން، ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން، އަލުން ހެދުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ 6 ޑިސެމްބަރ 2024 ގައެވެ. ގަލޮޅު ސިޓީޕާކަކީ ގަލޮޅުގައި އޮންނަ ހަމައެކަނި ޕާކެވެ.

ގަލޮޅު ސިޓީ ޕާކު ތަރައްޤީ ކުރުމަށް ޓަކައި، ޕާކުގެ ވަށައި ޓިނު ޖަހައި ބަންދުކުރުމަށް ފަހު 15 އަހަރު ވީއިރު، ވެސް އެ ތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް އެ ތަންވެ، އެ ކަމުގެ ސަބަބުން، އެ ސަރައްޙައްދުގައި ދިރި އުޅޭ ރައްޔިތުންނަށް، ތަފާތު އުނދަގޫތައް ވަމުންދާތީ، އެ ކަމުގެ ޝަކުވާތައް ވެސް ކެނޑިނޭޅި، މާލެ ސިޓީ ކައުންސިލަށް ދަނީ ލިބެމުންނެވެ. މި ކަމާ ގުޅިގެން 8 އޮގސްޓް 2024 ގައި، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް ޢާޒިމްގެ އިސްނެންގެވުގެ މަތިން، ސިޓީ ޕާކުގައި ވަށައިގެން ޖަހާފަ ހުރި ޓިނުތައް ނަޓާލައި އެތަން ސާފުކޮށް، ކޮންމެ ވެސް ވަރަކަށް އާބަތުރަ ފިލުވާފަވެއެވެ.

ގަލޮޅު ސިޓީ ޕާކު އަލުން ތައްޔާރުކުރުމުގެ މަސައްކަތް މި ކުރަނީ، އެ ތަނުގައި ޖާގަ އޮތް މިންވަރުން ރައްޔިތުންގެ ބޭނުންވާ ކަންކަމަށް، ވަރަށް ބޮޑަށް އިސްކަން ދީގެންނެވެ. މި ގޮތުން މިހާރު ފަށައިގެން އުޅޭ، ސިޓީޕާކު އަލުންހެދުމުގެ މަސައްކަތް ނިމޭއިރު، ސީޓީ ޕާކުގައި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި އައުޓްޑޯރ ބެޑްމިންޓަން ކޯޓަކާއި ދުވާ ޓްރެކަކާއި ކުޑަކުދިން ކުޅޭނެ ހުސް ބިމަކާއި އައުޓްޑޯ ޖިމަކާއި އިވެންޓް ބޭއްވުމަށް ޚާއްޞަ ސަރަޙަދަކާއި އަދި ޢުމުރުން ދުވަސްވީ ބޭފުޅުން މަޑުކޮށްލައިގެން ތިބުމަށް ޓަކައި، އުނދޯލި ބަހައްޓައިގެން ތައްޔާރުކޮށްފަ އޮންނަ ޚާއްޞަ ސަރަޙައްދެއް އޮންނާނެއެވެ.

މި މަސައްކަތަކީ މާލެ ސިޓީގެ މޭޔަރުކަމާ، މިހާރުގެ މޭޔަރ އާދަމް ޢާޒިމް ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، މާލެ ސިޓީއަކީ، ހިތްފަސޭހަ، އަމާން، ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެއްދެވުމަށް ކުރައްވަމުންގެންދަވާ ގިނަ ގުނަ މަސަކަތްޕުޅުގެތެރޭގައި ހިމަނުއްވައިގެން ކުރައްވާ މަސަކަތެކެވެ.