މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް25 ޑިސެމްބަރ 2024


އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފި

2024 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު، ދިވެހި ރާއްޖެއަށް ކުރިމަތިވި، ބިރުވެރި، ނުރައްކާތެރި، ހިތާމަވެރި ސުނާމީ ކާރިސާއާގުޅިގެން، ކޮންމެ އަހަރެއްގެ ޑިސެމްބަރ26 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރަމުންއަންނަ، އެއްބައިވަންތަކަމުގެ ދުވަސް މާލެސިޓީ ކައުންސިލުން ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި އެއްބައިވަންތަކަން ރަމްޒުކޮށްދޭ އަތު ގުޅާލުން އޮތީ، މާލެ ސިޓީ ޢާއްމު ޚިދުމަތްތަކާ ބެހޭ ބައި ހިނގަމުންދާ ޢިމާރާތާ ދިމާ، މާލެ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުގައެވެ. މި އަތުގުޅާލުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި މާލެ ސިޓީގެ ކައުންސިލަރުންނާއި ސެކްޝަންތަކުގެ ވެރިންނާއި އެހެނިހެން މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި ދުވަހާ ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ''ޤުދުރަތީ ގޮތުން ދިމާވާ މި ފަދަ ކޮންމެ ޙާދިސާއަކުން، ނުވަތަ ކާރިސާއަކުން، އަޅުގަނޑުމެން ލިބިގަންނަން ޖެހޭ، ގިނަ ޢިބަރަތްކާއި ފިލާވަޅުތައް ހުންނާނެކަން ޔަޤީން. ސުނާމީ ކާރިސާއިން އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ، އަޅުގަނޑުމެން އެކަކަށް ޓަކައި އަނެކަކު ހުރުމުގެ މުހިއްމުކަން. އެ ދުވަހު އެ ފެނުނު އެއްބައިވަންތަކަމަކީ، އަބަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭނެ އެއްބައިވަންތަކަމެއްކަން. އެ ދުވަހު ވެސް ތިބީ، އެއް ދީނަކަށް، އެއް މަޒުހަބަކަށް ނިސްބަތްވާ، އެއްނަސްލަކާއި އެއް ސަޤާފަތެއްގެ ވެރި، އެއް ބަހަކުން ވާހަކަދައްކާ ދިވެހިން. މި އަދު ވެސް ތިބީ ހަމަ އެ ދިވެހިން. އަޅުގަނޑުމެންގެ އަސްލަކަށް ބަދަލެއް ނާދޭ. އެހެންކަމުން، އަޅުގަނޑުގެ އިލްތިމާސަކީ، އެ ދުވަހު އެ ދެއްވި އެހީ ތެރިކަމާއި، އެ ދެއްކެވި އެއްބައިވަންތަކަން، ކޮންމެ ދިވެއްސަކު ވެސް، ކޮންމެ ދުވަހަކު ދެއްކެވުން.''