މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 26 ޖަނަވަރީ 2025


ދަތިވެ އުދަނގޫ ވުމަކީ އެކަމެއް ނުކުރުމަށް އޮތް ހުރަހެއް ނޫން : މޭޔަރ އާޒިމް

މަސައްކަތުގެ މާހައުލުގައި އުޅުއްވާއިރު، އެއްވެސް މަސައްކަތެއް ކުރުމަށް ދަތިވެ އުދަނގޫ ވުމަކީ އެކަމެއް ނުކުރުމަށް އޮތް ހުރަހެއް ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ އާޒިމް މިހެން ވިދާޅުވެފައި ހޮނިހިރު ދުވަހު ސްޓެލްކޯ ޓްރެއިނިންގ ހޯލްގައި ކުރިއަށްދިޔަ، މާލެ ސިޓީ ކައުންސިލްގެ ސަރވިސްކަލްޗަރ އަށް ލީޑާރޝިޕް އަހުލުވެރި ކުރުމުގެ ސެޝަން ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މޭޔަރ އާޒިމް ވިދާޅުވީ، ޙިދުމަތް ދިނުމުގައި އެކިކަހަލަ އުޒުރުތައް ދެއްކުމަކީ އެކަމެއް ނުކުރުމަށް އޮތް ގޮތެއް ނޫން ކަމަށާއި ދަތިވުމާއި އުދަނގޫވުމަކީ އިތުރު ހިތްވަރެއްލާފައި އެކަމެއް ކުރަން ފެށުން ކަމަށެވެ. އަދި ދަތިވާ ވަރަކަށް ހިތްވަރުގަދަކޮށް، ހިތްވަރު އާލާކުރަން ޖެހޭނެ ކަމަށް ވެސް މޭޔަރ އާޒިމް ވިދާޅުވިއެވެ.

މޭޔަރ އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އަބަދުވެސް އަމާޒަކަށް ވާން ވާނީ ކުރިއަށް ދިއުން ކަމަށާއި ކުރިއަށް ދެވޭނީ ހުރިހާ މުވައްޒަފުން ވެސް ގުޅިގެން އެކެއްޗެއް ކިއައިގެން ކަމަށެވެ.

" އަޅުގަނޑުމެން އެންމެން ގުޅިގެން ނުކުރެވޭނެ ކަމެއް ނޯންނާނެ. އެކަން ކުރެވިގެން ނޫނީ ރައްޔިތުންނަށް އަޅުގަނޑުމެން ދޭން މިބޭނުންވާ ރަނގަޅު ހިދުމަތެއް ނުދެވޭނެ. " މޭޔަރ އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ޙިދުމަތެއް ދިނުމުގައި އަބަދުވެސް އަމާޒުހިފަންވީ އޯގާތެރިކަމާއި ލޯތްބާއި ހިނިތުން ވުމާއެކު ހިދުމަތް ދިނުމުގައި ދެމިތިއްބެވުމަށް ކަމަށެވެ. ހިނިތުންވެ މީހުންނާ ވާހަކަ ދެއްކުމަކީ މާބޮޑު ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ސިމްޕަލް ކަމެއް ކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ.

މި ސެޝަންގައި މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ ބައެއް މެމްބަރުންގެ އިތުރުން ކައުންސިލްގެ އެކި އެކި ޑިޕާޓްމަންޓުގެ ތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.