މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 29 ޖަނަވަރީ 2025


މާލެ ސިޓީ ކައުންސިލުން ކްލީން މޯލްޑިވްސް އާއެކު ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފި

ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން ކްލީން މޯލްޑިވްސް އާއެކު ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލާއެކު ކްލީން މޯލްޑިވްސްއިން އަންގާރަ ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މެޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިހާރުގެ ޖީލާއި، އަންނަން އޮތް ޖީލުތަކަށް ވެސް ރަނގަޅު ފުރިހަމަ ޤުދުރަތީ ވެށްޓެއް ޤާއިމް ކުރުމަށް ކްލީން މޯލްޑިވްސުން ކުރަމުން އަންނަ މަސައްކަތަކީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަށް ކްލީން މޯލްޑިވްސްއިން ކުރައްވާ މި ފަދަ މަސައްކަތްތަކަށް މާލެ ސިޓީ ކައުންސިލުން ދެވެން އޮތް އެއްބާރުލުން ދެއްވާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މި މިޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކްލީން މޯލްޑިވްސްގެ ރައީސް ހަފްޝަތު އަލީމް ވިދާޅުވީ، ކްލީން މޯލްޑިވްސްގެ މަޤްޞަދަކީ، ދުނިޔޭގެ އެހެން ގިނަ ތަންތަނާއި އަޅައިބަލާއިރު އެންމެ ނާޒުކު ތިމާވެށްޓޭއް އޮތް، ދިވެހިރާއްޖޭގެ ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ. އަދި ތިމާވެށީގެ މުހިންމުކަމާއި ތިމާވެށްޓާ ގުޅުންހުރި މައްސަލަތަކާއި ދިރިއުޅުމަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، މަޢުލޫމާތު ފަތުރައި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ތިމާވެށްޓަކަށް މީހުން އަހުލުވެރިކުރުވުން ވެސް ކުރިއަށްދާ ކަމަށް ހަފްޝަތު ވިދާޅުވިއެވެ.

މީގެ އިތުރުން ހަފްޝަތު ވިދާޅުވި، މާލެ ސިޓީގައި ދިރިއުޅުއްވާ ރައްޔިތުންނަށް ތިމާވެއްޓަށް އަހުލުވެރި ކުރުމުގެ ގޮތުން މީގެ ކުރިން ވެސް މަގުތަކާއި މޫދަށް ކުނި ނާޅަން ދަސް ކޮށްދިނުމަށް އެކި ޕްރޮގްރާމްތައް ގެންދަމުން އަންނަ ކަމަށާއި އަދި ބޭނުން ހިފޭ ކަހަލަ ގިނަ ގަސް، ގަސް ގޭގޭގެ ބެލްކަނީ ގައި އިންދުމުގެ ހަރަކާތައް ކުރިއަށް ރޭވިފައިވާ ކަމަށެވެ. އަދި މިކަންކަން ކުރުމުގައި މާލެ ސިޓީ ކައުންސިލުން ދެއްވި އެއްބާރުލުމަށް މޭޔަރ އާދަމް ޢާޒިމް އަށާއި ކައުންސިލަރުންނަށް ހަފްޝަތު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެވަޑައިގެންވި ކައުންސިލަރުންގެ ތެރޭގައި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހަސަން ނިޡާމް އާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒް އާއި މައްޗަންގޯޅު އުތުރު ދާއިރާގެ ކައުންސިލަރު ސަޢީދާ ރަޝާދު އަދި މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު ޔުމްނާ ބައިވެރިވެ ވަޑައިގެންނެވި އެވެ.