މާލެ ސިޓީ ކައުންސިލަށް ހުށަހެޅެމުންދާ ޝަކުވާތަކާ ގުޅިގެން، ކައުންސިލުން، މާލޭގެ ބައެއް ސަރަހައްދުތަކުން ގަސް ކޮށުމުގެ މަސައްކަތް ކުރިޔަށް އެބަގެންދެއެވެ.
މާލޭގެ އެކި ސަރަހައްދުތަކަގައި ހުރި ގަސްތަކުގެ ގޮފިތައް އެލި، ބައެއް އިމާރާތްތަކަށް ގެއްލުން ވަމުންދާ ކަމަށާއި، މި ގޮތަށް ހުންނަ ގޮފިތަކުގެ ސަބަބުން، ވައްކަން ކުރާ މީހުންނަށް ގެތަކަށް ވަންނަން މަގުފަހިވާ ކަމަށާއި، އަދި މީދާ ފަދަ ތަކެތި ގޭގެއަށް ވަންނަ ކަމަށް ބުނެ، ރައްޔިތުންގެ ޝަކުވާތައް ވަނީ ކައުންސިލަށް ލިބިފައެވެ. އަދި މީގެ އިތުރުން ބައެއް މަގުތަކުގައި ހުންނަ ގަސްތަކުގެ ގޮފިތައް އެލި، އެ ގަސްތަކުގެ ގޮފިތަކުގެ ސަބަބުން ދުއްވާ ތަކެއްޗަށާއި، ފަޔަރ ލޮރީ އަދި އެމްބިއުލާންސަށް އެ މަގުތަކަށް ވަނުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން މާލޭގެ އެކި މަގުތަކާއި އެހެނިހެން ސަރަހައްދުތަކުގައި، ކޮށަންޖެހިފައި ހުރި ގަސްތައް ކޮށައި ސާފުކުރުމުގެ މަސައްކަތް، ރައްޔިތުންނަށް އުނދަގޫނުވާނެހެން އިންތިޒާމް ކޮށްގެން އެކި ވަގުތުތަކުގައި ކުރަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މީއީ މާލެ ސިޓީ ކައުންސިލުން އަބަދު ވެސް ކުރަމުން އަންނަ މަސައްކަތްތެއް ކަމަށާއި، ޝަކުވާ ހުށަހެޅޭ މިންވަރަށް ބަލައި އެ ކަމަށް ޕްލޭންކޮށް މި މަސައްކަތް ކުރިޔަށް ގެންދާކަމަށް ވެސް މާލެ ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން އަމިއްލަ ގޮތުން އިސްނަގައިގެން އެއްވެސް ގަހެއް ކޮށުމުގެ މަސައްކަތެއް ނުކުރެއެވެ. އެފަދަ މަސައްކަތެއް ކުރަން ޖެހެނީ ހަމައެކަނި ރައްޔިތުންގެ ފަރާތުން ހުށަހެޅޭ މައްސަލައެއް ނުވަތަ މުޖުތަމަޢުއަށް ދިމާވާ ދަތިތަކެއް ހައްލުކުރުމަށެވެ.