މާލޭގައި ހުރި މިސްކިތްތަކުގެތެރެއިން އެންމެ ޒަމާންވީ އެއް މިސްކިތް ކަމަށްވާ ބިހުރޯޒު ކަމަނާ މިސްކިތުގައި ކުރަންޖެހޭ މަރާމާތުތައް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ބައްލަވައިލައްވައިފި އެވެ.
ބިހުރޯޒު ފާށަނާކަލޯ ބިނާކުރެއްވި، ބިހުރޯޒު ކަމަނާ މިސްކިތް މަރާމާތުކުރަން ޖެހޭތަންތަން ބައްލަވައިލެއްވުމަށް ފަހު، މޭޔަރ ޢާޒިމް ވިދާޅުވީ، މިސްކިތުގެ ގޯތިތެރޭގައި އަތުރާފައި ހުރި ގާތައް ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށާއި އެ ކަންހައްލު ކުރެވޭނެ ކަމަށެވެ. ގާތައް އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ، މި މިސްކިތުގެ ގޯތިތެރޭގައި ހުރި ގަސްތަކަކީ، މީގެ 60 އަހަރު ކުރިން އިންދާފާއިވާ ގަސްތަކަކަށްވުމުން ގަސްތައް ބޮޑުވެ، އެ ގަސްތަކުގެ މޫތައް މިސްކިތުގެ ގޯތިތެރެއަށް ފެތުރުމުންނެވެ.
ރަށްދެބައިމަގާއި ނީލޯފަރުމަގު ގުޅުނު ހިސާބު، އިރު ދެކުނު ކަންމަތީގައި ހުންނަ، ބިހުރޯޒު ކަމަނާ މިސްކިތް މާރާމާތު ކުރައްވަން، މޭޔަރ ޢާޒިމް ނިންމެވީ، އެ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކާ މަޝްވާކުރެއްވުމަށް ފަހުއެވެ.
މިސްކިތް މަރާމާތު ކުރުމަށް ކުރެވޭ މަސައްކަތުގެތެރޭގައި މިސްކިތަށް ވަދެ ނިކުމެ އުޅޭ، އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ ކޮށްދިނުމަށް "ސްލޯޕެއް" ލުމާއި ރެދު ލާފައި ހުރި ތަންތަން ރަނގަޅު ކުރުމުގެ އިތުރުން ފެންއިސްކުރު ބަރިއެއް ހެދުމަށް ވެސް ނިންމިއެވެ. ރާއްޖެއަށް ޒިޔާރާތްކުރައްވާ ފަތުރުވެރިންގެ މެދުގައި ވެސް މަޤުބޫލު މިސްކިތަކަށް މި މިސްކިތް ވާތީ، މި މިސްކިތް މަރާމާތުކުރުން ކޮންމެހެން މުހިންމުކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ. މިސްކިތުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހަށް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ.
މިއީ ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން، ހިމާޔާތްކޮށްފައިވާ މިސްކިތެކެވެ. ތާރީޚީގޮތުން މި މިސްކިތް މުހިއްމުވާ އެންމެ ބޮޑު ސަބަބަކީ، މި މިސްކިތުގެ ހަރިންމަ ތެރޭގައި، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (ބޮޑުތަކުރުފާނު ނުވަތަ އުތީމު މަހާރަދުން) އާއި އެ ރަދުންގެ ކޮއްކޯފުޅު، ޙަސަން ރަންނަބަނޑޭރި ކިލެގެފާނު ފަސްދާނު ލެވިފައި ވުމެވެ.