މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 01 ފެބްރުއަރީ 2025


ޝަހީދުންގެ ހިތްވަރާއި ގުރުބާނީން ފިލާވަޅު ލިބިގަތުމަށް މޭޔަރ ޢާޒިމް އެދިވަޑައިގެންފި

ޝަހީދުންގެ ހިތްވަރާއި ގުރުބާނީން ފިލާވަޅު ލިބިގަތުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެދިވަޑައިގެންފި އެވެ.

ޝަހީދުންގެ ދުވަހަކީ ދީނާއި ޤައުމާއި މިނިވަންކަން ދިފާޢުކުރުމަށް ޓަކައި ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހު ޕޯޗުގީޒުންނާ ހަގުރާމަކޮށް އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވިދުވަހެވެ.

މި ދުވަހާގުޅިގެން މޭޔަރ ޢާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމްދީނާއި ދިވެހި ޤައުމު ދިފާއުކުރުމުގައި އެ ބޭފުޅުން ދެއްކެވި ހިތްވަރާއި އަޒުމުން ފިލާވަޅު ލިބިގަނެ، ދިރިއުޅުމުގެ ކަންކަމުގައި ވެސް ކުރިއަށް ދިއުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

އަދި މިއަދު މި ލިބިފައިވާ މިނިވަންކަމާއި އަމަންއަމާންކަމަކީ މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ވަޠަން ދިފާއުކުރުމުގައި އެތައް ބަޔަކު ލެއިން ޤުރުބާންވެގެން ލިބިފައިވާ އަގުހުރި ނިޢުމަތެއް ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

"މި މަތިވެރި އަމާނާތް ރައްކާތެރިކޮށް ދެމެހެއްޓޭނީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އަމިއްލަ ޒިންމާ އުފުލައިގެން" މޭޔަރ އާޒިމްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

‏ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން ހަނދާންކުރަންވީ މިއިން ކޮންމެ ބޭފުޅަކު ވެސް ޝަހީދުވެވަޑައިގެންނެވީ ދިވެހި ޤައުމަށްޓަކައިކަމެވެ.