މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 07 އޭޕްރިލް 2025


ދީނީ ކަންކަމަށް ސަމާލުކަންދީ ރިވެތި އަޚުލާޤުން ޖަރީވުމަށް މޭޔަރ ޢާޒިމް ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި

ދީނީ ކަންކަމަށް ސަމާލުކަންދީ، ރިވެތި އަޚުލާޤުން ޖަރީވުމަށް، ލޮބުވެތި ދަރިވަރުންނަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިލްތިމާސްކުރައްވައިފި އެވެ.

މޭޔަރ ޢާޒިމް ދަރިވަރުންނަށް މި ފަދައިން އިލްތިމާސްކުރައްވާފައި ވަނީ، ދިގު ޗުއްޓީއަކަށް ފަހު މި އަދު މި ފެށުނު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުން އެ މަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑީއާގެ ޕްލެޓްފޯމްތަކުގައި ކުރެއްވި ޕޯސްޓުގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، އުނގަންނައިދޭ ޢިލްމާއި އެއްވަރަށް، ދަރިވަރުންގެ ކިބައިގައި، ރިވެތި އަޚުލާޤު އަށަގަންނުވައި، ޤައުމަށް ބޭނުންހިފޭ، މުޖުތަމަޢުގެ އަގުތަކަށް އިޙުތިރާމް ކުރާ، މުޖުތަމަޢު ބަލައިގަންނަ ފަދަ ގޮތަކަށް، ދަރިވަރުން ތައްރުބިއްޔަތުކޮށް ދެއްވެމަށް، ތަރުބިއްޔަތުކުރުމުގެ ޒިއްމާ އުފުއްލަވަމުންގެންދަވާ ހުރިހާ ފަރާތްތަކުގެ އަރިހުން އެދޭ ކަމަށެވެ. އަދި މި ފެށުނު ތަޢުލީމީ އާ އަހަރު، ޢިލްމާއި ފަންނާއި ހުނަރުން، ނަފުސު ޒީނަތްތެރި ކުރުމުގެ އިތުރުން، ދީނީ ކަންކަމަށް ސަމާލުކަންދީ، ރިވެތި އަޚުލާޤުން ޖަރީވުމަށް، ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރައްވާ ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

"މި ފެށުނު ދިރާސީ އަހަރަކީ ހުރިހާ ގޮތަކުން ކާމިޔާބު ދިރާސީ އަހަރަކަށް ވުމަށްއެދި ދުޢާކުރަން. ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރާއްޖޭގެ ލޮބުވެތި ކިޔަވާކުދިންނާއި، އުނގަންނައި ދެއްވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވާ ހުރިހާ ޚިދުމަތްތެރިންނަށް، އަޅުގަނޑުގެ ހިތުގެ ފުންމިނުން މަރުޙަބާ ދަންނަވަން." މޭޔަރ ޢާޒިމްގެ ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް މި އަދު ވަނީ، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާފަންނު މަދަރުސާއަށް ވަޑައިގެން ހެނދުނު ދަންފަޅީގެ އެސެމްބްލީގައި ބައިވެރިވެވަޑައިގެން، ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަ ފުޅުދައްކަވާފައެވެ. އަދި އެސެމްބްލީއަށް ފަހު ދަރިވަރުންނާއި ޓީޗަރުންނާއެކު މޭޔަރ ޢާޒިމް ގްރޫޕް ފޮޓޯއެއް ވެސް ނެންގެވިއެވެ.