ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެރިކް ވޮލްޝް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ހޯމަ ދުވަހު މާލެ ސިޓީ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމާ އެ މަނިކުފާނު ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅުގެ ތެރޭ، މާލެ ސިޓީގެ ކަންކަން ރަނގަޅުކުރުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް، އިތުރު މަސައްކަތް ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި، މާލެ ސިޓީގެ މަގުތައް މަރާމާތު ކުރުން އިސްކަމެއްގެ ގޮތުގައި ކުރަން ނިންމާފައިވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު އުފެދިފައިވާ، ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވައި މޭޔަރ ޢާޒިމް ވިދާޅުވީ، މި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ ސަބަބުން، ދެ ޤައުމަށް ގިނަ ގުނަ ފައިދާތަކެއް ކުރާނެކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކެނެޑާގެ ސަފީރު ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއެކު މިހާރު އޮތް ގުޅުން، ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރަށް ބަދަހިކުރައްވާނެކަމަށާއި ކައުންސިލުން ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކަށް ދެވެންއޮތް އެއްބާރުލުން ދެއްވާނެކަމަށެވެ.
މި ބައްދަލުވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން، ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.