މި ވަގުތު އެންމެ ބޮޑަށް ސަމާލުކަން ދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ، މާލެ ސިޓީގެ މަގުތަކުގައި ހުރި ކާނުތައް ސާފުކުރުން ކަމަށާއި އެ ގޮތުގެ މަތިން މި އަހަރު ނިމުމުގެކުރިން ހުރިހައި ކާނުތައް ސާފުކޮށް ނިންމާނެ ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، މާފަންނު ނަލަހިޔާ ކަންމަތީ ޕޭމަންޓު އުސްކުރުމަށް، ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ދެއްވި އިންޓަވިއުގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން އެންމެ ބޮޑަށް ސަމާލުކަން ދީގެން މި ވަގުތު ކުރަމުން އަންނަ މަސައްކަތަކީ ރައްޔިތުންނަށް ދަތިވާ ކަންކަންކަން ހައްލުކުރުން ކަމަށާއި އެ ގޮތުން މާލޭގެ މޭޔަރުކަމާ ހަވާލުވިއިރު، މާލޭގެ ކާނުތައް ވަނީ އެއްގޮތަކަށް ވެސް ސާފު ނުކުރާތާ 15 ވަރަކަށް އަހަރު ވެފައި ކަމަށެވެ. އެހެން ކަމުން، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކާނު ސާފު ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށާއި އެ ގޮތުން މި އަހަރު ނިމުމުގެކުރިން، މާލޭގެ ހުރިހާ ކާނުތަކެއް ސާފުކޮށް ނިންމާނެ ކަމަށް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، މޭޔަރ ޢާޒިމް ވިދާޅުވީ، ވާރޭ ވެހި މަގުތަކުން ފެން ހިދޭއިރު ވެސް، މާލޭގެ މަޖީދީ މަގުގައި ފެން ހަރުލާފައި ހުންނަ ހަތަރު ސަރަހައްދެއް، ކައުންސިލަށް ފާހަގަ ކުރެވި، އެ ސަރަހައްދުތަކުގެ ކާނުތައް މިހާރު ސާފުކޮށް ނިންމާލާފައިވާ ކަމަށެވެ. އަދި ސްކޫލް ތަކުގެ ދަރިވަރުންނަށް ދަތިވާގޮތަށް ފެން ހަރުލާފައި ހުންނަ، ޗާދަނީ މަގުގެ ކުރީގެ އަރަބިއްޔާ ސްކޫލް ކާރި ކާނުތައް ވެސް، މިހާރު ސާފުކޮށް ނިންމާފައިވާ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ޢާޒިމް ވިދާޅުވީ، ގަޑި ބުރު ސަރަހައްދާއި ލަގްޒަރީ ސަރަހައްދު އަދި ސަންޕޮރަންޓު ސަރަހައްދުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކައުންސިލްގެ ޓީމުތަކުން މިހާރު ފަށައިގެން ކުރަމުން ގެންދާ ކަމަށެވެ. އަދި މި މަސައްކަތްތައް ދެ ތިން ދުވަހެއްގެ ތެރޭގައި ނިންމާލާނެ ކަމަށް ވެސް، ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މި މަސައްކަތްތައް ކުރަމުން މި އަންނަނީ، ކައުންސިލްގެ ވަރަށް ހީވާގި މުވައްޒފުންގެ މިންނެތް މަސައްކަތުން ކަމަށާއި އެ ކަމަށް ޓަކައި އެ ހުރިހާ މުވައްޒަފުންނަށް ޝުކުރުދަންނަވާކަމަށެވެ.