މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް12 އޭޕްރިލް 2025


މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމް ކުރުމުގެ މަސައްކަތް ހަނި ގޯޅިތަކާ ހަމައަށް

ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފަސޭހަ ކޮށްދެއްވުމަށް، އެ ގޯޅިތައް ތަރައްޤީ ކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށް، މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، މާފަންނު ނަލަހިޔާ ކަންމަތީ ޕޭމަންޓު އުސްކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ދެއްވި އިންޓަވިއުގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ބޭފުޅުންނާއި، އަދި ވެސް ގާ އަތުރައި ޕޭމެންޓް ހެދިފައިނުވާ ގޯޅި ތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން، އެ ގޯޅިތަކުގެ ޙާލަތު ކައުންސިލްގެ ސަމާލުކަމަށް ގެނެސްދިނުމުން، އެ ގޯޅި ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ކޮށްދެއްވާނެކަމަށެވެ. އަދި މި ކަމުގައި ވެސް ރައްޔިތުންގެ ފަރާތުން، މިހާރު ވެސް ލިބެމުންދާ ފުރިހަމަ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ ބައެއް ގޯޅިތައް ހަލާކުވުމުން ވެސް މަރާމާތު ނުކޮށް އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވުމުން، އެ ގޯޅި ތަކުގައި ދިރި އުޅުއްވާ ބޭފުޅުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ހަނި ގޯޅިތަކުގައި ރަނގަޅަށް ގާ އެތުރިފައިނުވާކަމާއި ހަނިގޯޅިތަކުގައި ބުޅަލުގެ ނަޖިސް ހުންނަ ކަމުގެ ޝަކުވާ ވެސް ރައްޔިތުންގެ ފަރާތުން ލިބޭ. އަދި އެ ގޯޅިތަކުގައި އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުއްވާ ބޭފުޅުންނަށް އަނިޔާވެ، ގެއްލުންތައް ލިބޭ. އެ ކަންކަން ވެސް ބަޔާންކޮށް، މި ފަދަ ދަތިތަކާބެހޭ މަޢުލޫމާތު ހިމެނޭ ސިޓީއެއް ކައުންސިލަށް ފޮނުއްވައިދެއްވުން އެދެން. ތިޔަ ބޭފުޅުންގެ ފަރާތުން މި ފަދަ މަޢުލޫމާތު ލިބިއްޖެނަމަ، އެ މަގުތަކުގެ ޙާލަތު ރަނގަޅުކޮށް، ތިޔަ ބޭފުޅުންނަށް މިހާރު ދިމާވާދަތިތައް ޙައްލު ކުރުމުގެ މަސައްކަތްކުރާނެ ވާހަކަ ދަންނަވަން.'' މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ މި ފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް ހިތް ފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުމެވެ. މި ކަންކަން ޙާޞިލް ކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވިދުވެލީގައި މަސައްކަތް ކުރުމަށް، އަމާޒު ހިފާފައިވާ ވާހަކަ ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.