މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 13 އޭޕްރިލް 2025


ގަލޮޅު ސިޓީ ޕާރކްގެ ހާރޑް ސްކޭޕިންގ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ޚާއްޞަ މަފްހޫމަކަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ "ގަލޮޅު ސިޓީ ޕާރކް" ގެ ހާރޑް ސްކޭޕިންގ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ، (ޖީ.އެސް.ޓީ އާއެކު) 1,828,491.84 (އެއް މިލިއަން އަށް ލައްކަ އަށާވީސް ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ އަށްޑިހަ ހަތަރު ލާރި) އެވެ.

ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ، އަމިއްލަ ތަކެތީގައި ކުރުމަށް ހަމަޖެހިފައިވާ

މުއްދަތަކީ، 2025 ވަނަ އަހަރު އެޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރު މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް (ބަންދު ދުވަސްތަކާއެކު) ޖުމްލަ 30 (ތިރީސް) ދުވަހަށެވެ.

މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ދުވާ ޓްރެކަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަ ކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އައުޓްޑޯ ޖިމެއް ވެސް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ، މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.