މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް15 އޭޕްރިލް 2025


ހަނި ގޯޅިތަކުގައި މަގު ބައްތި ޖަހައި އަލިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާލެ ސިޓީގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ހިތްފަސޭހަ ރައްކާތެރި މާހައުލެއް ޤާއިމްކޮށްދެއްވުމަށް އެ ގޯޅިތައް އަލިކުރުމަށް، ބައްތި ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުގެ ޚާއްސަ ޓީމެއް ނަގައިގެން ފައްޓަވައިފައިވާ މި މަސައްކަތް މުޅިން ނިންމާލެވޭ އިރު، މަގު ބައްތި ޖެހުމުގެ އިތުރުން އެ ގޯޅިތަކުގައި ހަލާކުވެފައިވާ ޕޭވްމަންޓުތައް ހަދައި މަގުގައި ގައުތައް އައުކޮށް މަރާމާތު ކުރުން ހިމެނެއެވެ.

މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ހިތްފަސޭހަ، އުފާވެރި ހިތްހަމަޖެހޭ މާޙައުލެއް ހޯއްދަވައި ދެއްވުމަށް ޓަކައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ ޚާއްޞަ އިސްނެންގެވުމުގެ މަތީން މީގެ ކުރިން ވެސް ވަނީ މި ފަދަ ބައެއް ކަންކަން ކުރައްވަފައެވެ. މި ގޮތުން ޕާކުތަކުގެ އާބާތުރަ ފިލުވައި މާލޭގެ މަގުތަކުން ކުނި ނަގައި، ވާރޭ ވެހި ފެން ހިދުމުން ވެސް ބައެއް މަގުތަކުގައި ފެން ނުހިދި އޮންނަ ސަރަޙައްދުތައް ރަނގަޅުކުރުން ހިމެނެއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ މި ފަދަ ތުރާތަކުން މާލޭގެ ރަށްވެހިން ސަލާމަތްކޮށް ހިތް ފަސޭހަ ތަނަކަށް މާލެ ސިޓީ ހެދުމެވެ. މި ކަންކަން ޙާސިލް ކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވިދުވެލީގައި މަސައްކަތް ކުރުމަށް، އަމާޒު ހިފާފައިވާ ވާހަކަ ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.