މާލެ ސިޓީގައި ހައްދާފައިވާ ގަސްތަކާއި މެދު އަމަލުކުރާނެ ގޮތެއް ހޯދުމަށް، ފަންނީ ލަފާ ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ.
މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 190 ވަނަ ޖަލްސާގައި، ދެމެހެއްޓެނިވި ގޮތެއްގައި ގަސްތައް ބެލެހެއްޓުމާއި، އަދި ގަސްތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދުމަށް ފަންނީ ލަފާ ހޯދުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން މޭޔަރ އާދަމް ޢާޒިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ކަމަށް ތާއިދު ކުރައްވާ މާލެ ސިޓީގެ ބައެއް ކައުންސިލަރުން ދެއްކެވި ވާހަކަ ފުޅުގައި، ގަސްތައް ހެދި ބޮޑުވެ، ގަހުގެ ބޭނުން އެންމެ ބޮޑަށް ހިފަން ޖެހޭ ވަގުތު ގަސްތައް ކަނޑާލަން ޖެހޭ ކަމަށާއި، އެހެން ނަމަވެސް އެ ގޮތަށް ގަސްތައް ކަނޑާލުމުގެ ބަދަލުގައި، ގަސްތައް މެނޭޖް ކުރާނެ އުސޫލެއް ކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ.
އަދި މީގެ އިތުރުން މާލެއަކީ ޖާގައިގެ ގޮތުން ކުޑަ ތަނެއް ކަމުން ގަސްތައް އިންދުމުގައި ބަލަން ޖެހޭ ކަންކަން ހުރި ކަމަށާއި، މާލޭގެ އެކި ސަރަހައްދު ތަކުގައި މިހާރު ހުރި ގަސްތަކަކީ، ވަރަށް ބިޔަކޮށް ހެދޭ ގަސްތަކެއް ކަމުން، އެކަމުގެ އުނދަގޫ އެކި ގޮތްގޮތުން ރައްޔިތުންނަށް ކުރާ ކަމަށް ވެސް ބައެއް ކައުންސިލަރުން ވަނީ ފާހަގަ ކޮށްފައެވެ.
"މިހެން ދިމާވާން ޖެހެނީ ގަސްތައް ހެދިފައި ހުންނަ އިރު އެއް ފަޅީގައި ހުންނަނީ އިމާރާތައް އަދި ގަސްތައް ކޮށާއިރު އަބަދު ވެސް އެއްފަޅިން ކޮށަން މިޖެހެނީ އެހެންވިމާ ގަސް މި އޮންނަނީ އަރިއަޅާލައިފައި" ،މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މާލޭގައި ހުރި ގިނަ ގަސްތައް ދުވަސްވެފައިވުމުން ގަހުގެ ރީތިކަން ގެއްލިފައިވާކަމަށާއި ގަސްތަކުގެ މޫތައް ގެތަކަށް ވަދެ ފާޚާނާ ހޮޅިތައް ބެދުމުގެ މައްސަލަ ދިމާވާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
އެހެންކަމުން މާލޭގައި ހެއްދޭ ގަސްތަކަކީ، މާލޭގެ މަގުތަކަށް އެކަށީގެންވާ ގަސްތަކެއްތޯ ބަލައި އެ މަޢުލޫމާތު ހޯދައިގެން ކުރިޔަށް ގެންގޮސްފިނަމަ ކުރިޔަށް އޮތް ތަނުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.