މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ މާލެ ސިޓީ އިތުރަށް ފެހިކުރުމަށާއި، އަންނަން އޮތް ޖީލުތަކަށް ފެހި މުސްތަޤުބަލެއް ކަށަވަރުކޮށްދިނުގެ ޢަޒުމުގައި ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
22 އެޕްރީލް 2025 ވަނަ ދުވަހު ފާހަގަ ކުރި، ''ދުނިޔޭގެ ދުވަސް'' ފާހަގަ ކުރުމާ ގުޅޭ ގޮތުން،މޭޔަރ އާދަމް ޢާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ، ކިތައްމެ ކުޑަ ޢަމަލަކުން ވެސް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށާއި، 2025 ވަނަ އަހަރުގެ ''ދުނިޔޭގެ ދުވަހުގެ'' ޝިޢާރާ އެއްގޮތަށް، އަޅުގަނޑުމެންގެ ދުނިޔެ ރައްކާތެރިކުރުމަށް އަޅުގަނޑުމެންގެ، ޖަމާޢީ ބާރު ބޭނުން ކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.
މީގެ އިތުރުން، މާލެ ސިޓީ ސާފުކޮށް ރީތިކޮށް ބަލަހައްޓާ، މާލެ ސިޓީގެ ހީވާގި މުއައްޒަފުންގެ މަސައްކަތް ވެސް އެ ޕޯސްޓްގައި މޭޔަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.
''ދުނިޔޭގެ ދުވަސް'' ފާހަގަ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން، 22 އެޕްރިލް 2025 ވަނަ ދުވަހު ވަނީ، ވިލިމާލޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމްގައި މޭޔަރ އާދަމް ޢާޒިމާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު، ޢަލީ އައިމަންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އަހަރު ''ދުނިޔޭގެ ދުވަހު'' ގެ ޝިއާރުން ދޭހަކޮށްދެނީ ޢަމަލީ، ދެމެހެއްޓެނިވި ހައްލުތަކުގެ ޒަރީޢާއިން، މި ދުނިޔެ ރައްކާތެރިކޮށް އަލުން އާރާސްތުކުރުމަށް މުޖުތަމަޢުތަކާއި، ވަކިވަކި ފަރުދުންނާއި، އަދި ޤައުމުތަކުގެ ޖަމާޢީ ބާރު މުހިންމުކަމެވެ.
