ސިނަމާލެ ފްލެޓް ރީޑިވޮލަޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ކޮންސެޕްޓް ފާސްކޮށްފިއެވެ.
މި ކޮންސެޕްޓްތައް ފާސް ކޮށްފައި ވަނީ، ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 191 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ.
މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ކައުންސިލުން ސޮއިކޮށްފައި ވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހުއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ، ހޮންކޮންގައި ރަޖިސްޓަރ ކޮންގެން ހިންގާ، އެސް. އެފް. ޕްރޮޖެކްޓް ކޮންސަލްޓެންސީ ލިމިޓެޑް އާއިއެވެ.
މި އެއްބަސްވުމުގެ ދަށުން، 1500 ހައުސިން ޔުނިޓް ތަރައްޤީ ކުރަންހަމަޖެހިފައިވެއެވެ. މި ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވަނީ ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތައް، މިހާރު އިމާރާތް ކުރެވިފައިވާ ސަރަހައްދު ހިމެނޭހެން 23476 އަކަ މީޓަރުގެ ބިމެއްގައެވެ.
ނަމަވެސް، މި ފްލެޓްތައް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި، ތަރައްޤާ ކުރެވިފައިވާ ހޭންޑްބޯލް ކޯޓް މި ބިމުގައި ހުރުމުން، ހޭންޑް ބޯލް ކޯޓް ހުރި ބިމުން (3310 އަކަ މީޓަރު ) ވަނީ އުނިކޮށްފައެވެ.
ފްލެޓް އަޅަން މިހާރު އޮތް ސަރަޙައްދު ކުޑަވަމުން، އެ ބިމުގައި ޢިމާރާތް ކުރެވެނީ ޖުމްލަ 1360 ފްލެޓެވެ. އެއީ ކުރިން އެއްބަސްވެ ސޮއިކުރި އެއްބަސްވުމަށް ވުރެ، 140 ފްލެޓް މަދު ޢަދަދެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން ޢިމާރާތް ކުރަން ހަމަޖެހިފައިވާ އިމާރާތްތަކުގެ ތެރެއިން، 20 ފްލޯގެ އެއް ޓަވަރު އަޅަން ބޭނުންވާ ބިން، މިހާރު ވަނީ މަސައްކަތް ކުރާފަރާތާ ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓްގެ ދެންހުރި ފްލެޓްތައް ޢިމާރާތްކުރަން ހަމަޖެހިފައިވާ ބިންތަކުގައި، ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ ބިންތައް ހުރިކާމަށާއި އެހެން ކަމުން އެ ބިންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާ ކުރައްވާނެ ކަމަށް، ބުދަ ދުވަހުގެ ޖަލްސާގައި މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.
މިޕްރޮޖެކްޓް ތެރެއިން ސިނަމާލެ ފްލެޓް 1،2،3 އަދި މާލެ ހިޔާ 1،2 ފްލެޓްތައް ތަޅާލައި އެ ބިންތަކުއި އައު ޓަވަރުތައް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މޭޔަރ ޢާޒިމް ވިދާޅުވި ގޮތުގައި، މިއަދު ފާސްކުރެވިގެން ދިޔަ ކޮންސެޕްޓަކީ އޮރިޖިނަލް އެގްރިމެންޓުގެ ދަށުން ޑިވޮލަޕަރު ތަރައްޤީ ކުރުމަށް ހުށަހަޅާފައިވާ ކޮންސެޕްޓަށް ވުރެ، ޖާގައިގެ ގޮތުން ތަނަވަސް ، ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރި ކަމަށް ވިސްނާ، އަދި ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ޕާކިން ޖާގަ އިތުރުކުރެވިފައިވާ ފުރިހަމަ ކޮންސެޕްޓެއް ކަމަށެވެ.