މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 05 މެއި 2025


މެޑިކަލް ސެކްޓަރ ކުރިއެރުވޭނީ ދައުލަތާއި ވިޔަފާރިވެރިންގެ އެއްބާރުލުމާއެކު: މޭޔަރ ޢާޒިމް

މެޑިކަލް ސެކްޓަރ ކުރިއެރުވޭނީ، ދައުލަތުން ވިޔަފާރި ވެރިންނަށް ދޭންވާ އެހީތެރިކަމާއި ލުއި ފަސޭހަތަކެއް ދެވިގެން ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ މި ފަދައިން ވިދާޅުވީ، 4 މެއި 2025 ވަނަ ދުވަހުގެ ރޭ އޭޑިކޭ ސިނަޖީން ކުރިޔަށް ގެންދިޔަ، އޭޑިކޭ ކްލަބްތަކުގެ މެދުގައި ބޭއްވުނު އެކި އެކި މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، މޭޔަރ ޢާޒިމްދެއްކެވި ވާހަކަފުޅުގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، އޭޑީކޭ މި ހިސާބަށް ގެނައީ، ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި، އޭޑީކޭ ފަދަ ތަނެއް ނެތް ނަމަ، ޞިއްޙީ ޚިދުމަތް ހޯދުމަށް އެތައް މިލިއަން ޑޮލަރެއް ރާއްޖެއިން ބޭރުވެގެން ދާނެކަމަށެވެ. އަދި މިއީ ވިޔަފާރި ވެރިން ކުރިއަރުވަން ދައުލަތުން މަސައްކަތް ކުރަން ޖެހޭ އެންމެ މުހިއްމު އެއް ސަބަބު ކަމަށާއި، އެހެންކަމުން ނާޝިދު މެން ފަދަ ބޭފުޅުން ރާއްޖެއިން ޑޮލަރު ބޭރުވިޔަ ނުދޭން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

އޭޑީކޭގެ މުއައްޒަފުންނާއި މުޚާތަބު ކުރައްވައި މޭޔަރ ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ، ކޮންމެ މުއައްޒަފަކީ ވެސް ވަރަށް މުހިއްމު މުއައްޒަފެއް ކަމަށާއި، މުއައްޒަފުން ޓީމެއް ގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.

މި ރަސްމިއްޔާތުގައި އޭޑިކޭގެ އިސްވެރިންނާއި ޑޮކްޓަރުންގެ އިތުރުން އޭޑީކޭގެ މުއައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.